އިސްރާއީލުން ފަލަސްތީނުގެ ގިނަ ބައެއްގެ ލޭ އޮހޮރުވާލައި ބިރުވެރި ގަތުލު އާންމެއް ހިންގައިފި

ޣައްޒާ (މާޗް 31): ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހައްގު ހޯދުމަށް އިއްޔެ ކުރިޔަށް ގެންދިޔަ ޖިހާދަކީ އިސްރާއީލު ވެރިވެގެންފައިވާ ގުދްސާއި ފަލަސްތީނުގެ އެހެން ބިންތަށް އަނބުރައި ހޯދުމުގައި ފަލަސްތީނުގެ ރައްޔިތުން ކުޑަކޮށްވެސް ދޫނުދޭނެކަމާއި އެކަމަށްޓަކައި އެންމެ ފަހު މީހާއާ ޖެހެންދެންވެސް ޖިހާދުކުރުން މަތީ ފަލަސްތީނު ރައްޔިތުން ދެމިތިބޭނެ ކަމުގެ މެސެޖް އެމެރިކާއާއި އިސްރާއީލަށް ދިނުންކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ޙަމާސްގެ ލީޑަރު އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ މިހާރު އިސްރާއީލުގެ ގޮތުގައި އޮތް އިސްތިއުމާރީ ދައުލަތަކީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން 1948 ވަނައަހަރު ފަލަސްތީނުގެ ބިމުގައި ޔަހޫދީ ޒަޔަނިސްޓުން ރިޝްވަތު ދީގެން އުފައްދާފައިވާ ޣައިރު ގާނޫނީ ދައުލަތެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުން އެ ދައުލަތް ދުވަހަކުވެސް ބަލައި ނުގަންނާނެ ކަމުގައެވެ.

"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީނުގެ އެތަށް ހާސްބަޔަކު ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އިއްޔެ ޖަމާވެ އެމީހުންވަނީ އެމީހުންގެ ކާބަފައިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ބިންތަކަށް (މިހާރު އިސްރާއީލުގެ ގޮތުގައި އޮތް) ކޮންމެވެސް ދުވަހަކުން އެނބުރި ރުޖޫޢަވާނެ ކަމަށް ބުނެ އެހައްގު އޮތްކަން ބަޔާންކޮށް އިޙްތިޖާޖްކޮށްފައެވެ. ސުލްޙަވެރި މިއިޙްތިޖާޖްތަކާ ދެކޮޅަށް އިސްރާއީލު ސިފައިންވަނީ ބަޑިޖަހައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ފަނަރަ މީހުން ޝަހީދުކޮށް ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވި ފަލަސްތީނުގެ ރައްޔިތުން ބުނީ އެމީހުންނާ ދެކޮޅަށް އިސްރާއީލުން ގަތުލު އާންމު ހިންގައި ކުށެއްނެތް އެތަށް ބަޔަކު ޝަހީދުކޮށްލި ނަމަވެސް ފަހަތަށް ނުޖެހޭނެކަމަށާއި މިހާރު އިސްރާއީލުގެ ނަމުގައި އޮތް އިސްތިއުމާރީ ދައުލަތަކީ ފަލަސްތީނުގެ ބިމުގައި ގަދަބާރުން އުފައްދާފައިވާ ދައުލަތެއް ކަމަށެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ބާރު ބަލިކަށިވާއިރަށް އިސްރާއީލު ނެތިގެންދާނެކަމުގެ އިންޒާރުވެސް އިޙްތިޖާޖްކުރި ފަލަސްތީނުގެ ރައްޔިތުންވަނީ އިސްރާއީލުގެ އަނިޔާވެރި ވެރިންނަށް ދީފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވީ އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު އޮތްކަން އިސްރާއީލާއި އިސްރާއީލަށް އެހީތެރިވާ އެމެރިކާފަދަ ގައުމުތަކަށް އަންގައި ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ މިއަދަކީ އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި 15 މީހުންގެ ހައްގުގައި ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

އައްބާސް ވިދާޅުވީ 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދުމާ ގުޅިގެން ބޭރުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ ބިންތަކަކީ މިހާރު އިސްރާއީލުގެ ގޮތުގައި އޮތް ބިންތަކެއް ކަމަށްވިޔަސް އެނބުރި ރުޖޫޢަވުމުގެ ހައްގު އެތަނުން ބޭރުކޮށްލި މީހުންނަށާއި އެމީހުންގެ ދަރިފަސްކޮޅަށް އޮންނާނެ ކަމުގައެވެ. އަމިއްލަ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގެއްކަމަށާއި ދުވަސްވުމުން މިހައްގު ނުގެއްލޭނެކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ފަނަރަ މީހުން ޝަހީދުކޮށްލައި ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލި ނަމަވެސް އިޙްތިޖާޖްތައް ކުރިޔަށް ގެންދިޔުމަށްޓަކައި އެމީހުން އަދިވެސް ތިބީ ކޭންޕް ޖަހައިގެން އެސަރަހައްދުގައެވެ. މިގޮތުން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެސަރަހަދުގައި ފޭލިގެ ޖަހައިގެން ތިބުމަށް ފަލަސްތީނުގެ ރައްޔިތުން ވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެ ކިޔާ އިސްތިޢްމާރީ ދައުލަތް އުފެއްދީ 1948 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ފަލަސްތީނުގެ ރައްޔިތުން އެދުވަސް ފާހަގަ ކުރަނީ އެމީހުންގެ އަމިއްލަ ބިމާއި ވަޒަން ގެންލިގެންދިޔަ ބޮޑު މުސީބާތުގެ ދުވަހުގެ ގޮތުގައެވެ. އިސްރާއީލާއި އެމެރިކާ މަސައްކަތްކުރަނީ އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ހައްގުން ފަލަސްތީނުގެ ރައްޔިތުން މަހްރޫމްކޮށް ފަލަސްތީނުގެ ބިމަކީ އިސްރާއީލުގެ ތަނަކަށް ހެދުމަށެވެ. (އަލްޖަޒީރާ)

comment ކޮމެންޓް