އާއިޝަތުގެ ދިރާސާ ވަރަށް ފުރިހަމަ، ކުރަހައިދިނީ މާޒީގެ ބޮޑު މަންޒަރު!

ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި އައިޝަލު އަލީއަށް ސަނަދު އަރުވަނީ. ޢާއިޝަތު ވަނީ، 115 އަހަރު ރާއްޖޭގައި ހިންގި މުހިންމު ތައުލީމީ ސިޔާސަތުތައްް މައްޗަށެ ދިރާސާ ކުރައްވައިފައި-- ސަން ފޮޓޯ؛ މުހައްމަދު އަފުރާހު

"ހަމަ ހަގީގަތުގަވެސް ތީސީސް ލިޔަން 115 އަހަރުގެ ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް ދިރާސީކުރެއްވިންތޯ؟"

ގައުމީ ޔުނިވާސިޓީން ފުރަތަަމަ ޕީއެޗްޑީ ހާސިލްކުރި އެއް ދަރިވަރު އާއިޝަތު އަލީއަށް ފުރަތަމަވެސް މިސުވާލު އަމާޒުކުރީމެވެ.

ސާދާ މިޒާޖެއްގެ އައިޝަތު، ރަކި ހިނިގަނޑާއެކު ދެއްވީ ކުރު ޖަވާބެކެެވެ. އާނއެކޭއެވެ. މި ތީސީސްއަކީ ކޮންމެ މީހެއްގެވެސް ޝައުގުވެރިކަން ދަމައިގަންނާނެ، ވަރުގަދަ ދިރާސީ މަސައްކަތެކެވެ.

ޔުނިވާސީޓީ އޮފް ވެސްޓަން އޮސްޓްރޭލިއާއިން ތަޢުލީމީ ހިންގުންތެރިކަމާ ބެހޭ ދާއިރާއިން މާސްޓާސް ޑިގްރީ ޑިސްޓިންކްޝަން އާއެކު ހާސިލުކުރުމަށް ފަހު ގައުމީ ޔުނިވާސިޓީގައި ރެޖިސްޓްރާގެ ގޮތުގައި މަސައްކަތް ފެއްޓެވި ހިސާބަކީ އާއިޝަތުގެ ޕީއެޗްޑީ ހާސިލްކުރަން ބިންގާ އެޅި ހިސާބެވެ.

"ރެޖިސްޓްރާގެ ވަޒީފާ އަދާކުރަނިކޮށް ޖެހުނީ އަލަށް ފަށާ އެޑިޔުކޭޝަން މާސްޓަރސް ކޯހަކަށް އެޑިއުކޭޝަން ޕޮލިސީއާ ބެހޭ މޮޑިއުލެއް ތައްޔާރުކުރަން. އެއީ އަޅުގަނޑު ކިޔަވަން އުޅުނުއިރުވެސް ވަރަށް ބޮޑަށް ޝައުގުވެރިވި މޮޑިއުލެއް. ޕީއެޗްޑީއަށް އެމްއެންޔޫ އިން އިއުލާނުކުރުމުން އަޅުގަނޑު ދިރާސާ ކުރަން ނިންމީވެސް އެ ދާއިރާ. ދެން އަޅުގަނޑު އޮސްޓްރޭލިއާގައި ކިޔަވައިދިން ޕްރޮފެސަރާއި އެމްއެންޔޫގެ ކުރީގެ ވައިސް ޗާންސެލަރ ޑރ. ހަސަން ހަމީދުއާ ވާހަކަ ދައްކައިގެން ޕީއެޗްޑީ ހަދަން ހިޔާލްކުރީ." ޑރ. އާއިޝަތު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލު ތާރީހުގެ ތެރެއިން----ފޮޓޯ: ދުއްތަނާ އިވުނު އަޑުގެ ހަނދާންހުރިބައި

އާއިޝަތު ޕީއެޗްޑީ ހާސިލް ކުރެެއްވީ، 1900 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ 115 އަހަރުގެ މުއްދަތުގައި ރާއްޖޭގައި ހިންގި މުހިންމު ތައުލީމީ ސިޔާސަތުތައް "ޕޮލިސީ ޓްރެޖެކްޓްރީ"ގެ ނަޒަރިއްޔާއިން އޭނާ ކުރެއްވި ދިރާސާގެ މައްޗަށެވެ. މިއީ ކުރިން ރާއްޖޭގައި އެއްވެސް މީހަކު ޕީއެޗްޑީ ހެދި ދާއިރާއެއް ނޫނެވެ.

ރާއްޖޭގެ ތާރީޚީ ތަޢުލީމީ ސިޔާސަތުތަކާ ބެހޭގޮތުން ދިވެހިންނަށް އެނގެނީ ވަރަށް މަދު އެއްޗެކެވެ. މާބޮޑު ދިރާސާއެއް ކުރެވިފައެއް ނެތެވެ. ކުރީގެ ދައުރުތަކަށް ހޭލުންތެރި މީހުން މިހާރު ނެތެވެ. ކުރިން ކަންކަން ކުރަމުން ދިޔަ ގޮތް އެނގޭ މަދު ބައެއް ނޫނީ މިހާރަކު ދުނިޔެއަކު ނުވެއެވެ.

"ޑރ. ހަސަން ހަމީދުވެސް ވިދާޅުވީ މިއީ މިހާރުން މިހާރަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކޭ،" ޑރ. އާއިޝަތު ވިދާޅުވިއެވެ.

ސަތޭކަ ފަނަރަ އަހަރުގެ، ރާއްޖޭގެ ތައުލީމީ ހަޔާތް ދިރާސާ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޑރ. އާއިޝަތު ވަނީ އެހާ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި ތައުލީމާ ބެހޭގޮތުން ލިޔެފައިވާ ފޮތްތަކާއި އަދި ނޫސްތަކުގައި ތައުލީމާ ބެހޭގޮތުން ލިޔެފައިވާ ކޮންމެ ވާހަކައެއް ކިޔައި ހަދައިފައެވެ.

1911 ވަނަ އަހަރުގެ ބައެއް ތައުލީމީ ތަފާސްހިސާބުތައް--ފޮޓޯ: ދުއްތަނާ އިވުނު އަޑުގެ ހަނދާންހުރިބައި

"އަމީން ދައުރުގައި ނެރުނު 'ސަރުކާރުގެ ޚަަބަރު' [ނޫހާއ]ި، ނާސިރު ދައުރުގައި ނެރުނު 'ވިޔަފާރި މިއަދު' އަދި 1978- 2015 އަށް ހަވީރު ނޫހުގައި ޝާއިއު ކޮށްފައިވާ ތައުލީމީ ހުރިހާ ޚަބަރެއް އަޅުގަނޑު ވާނީ ކިޔައިފައި. ޕީއެޗްޑީއަށް ޑޭޓާ ކަލެކްޓްކުރަން އެކަނިވެސް ނެގި ދެ އަހަރު. މީގެ އިތުރަށް 35 ތައުލީމީ ސިޔާސަތުތަކާ ބެހޭ ސިޔާސީ އަދި ހިންގުންތެރި ފަރާތްތަކާ ވާނީ އިންޓަވިއު ކޮށްފައި،" އާއިޝަތު އޭނާގެ ޕީއެޗްޑީގެ ދިގު ދަތުރުގެ ވާހަކަ ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

އާއިޝަތު ހެއްދެވި ޕީއެޗްޑީގެ ދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައި ލައްވާފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ ތައުލީމީ ސިޔާސަތުތައް އުފަންކުރުވި ނުފޫޒާއި ތައުލީމީ ގޮތުން ލިޔެފައިހުރި ސިޔާސަތުތަކުގެ ދެލިގަނޑުގެ ޑިސްކޯސް އެނެލީސިސްއާއި ތައުލީމީ ސިޔާސަތުތަަކުން ނިކުތް ނަތީޖާތަކާ ބެހޭގޮތުންނެވެ. ޑިސްކޯސް އެނެލީސިސްއަކީ ލިޔުންގަނޑެއް ކިޔައި، އެ ލިޔުންގަނޑުގައިވާ އެއްޗަކާއި ދެފޮޅުވަތް ދެމެދުގައިވާ އެއްޗެއް ތަހުލީލު ކުރުމެވެ.

ރާއްޖޭގެ 115 އަހަރުގެ ތައުލީމީ ސިޔާސަތުތައް ޑރ. އައިޝަތު ބަހާލާފައި ވަނީ ފަސް ދައުރެއްގެ މައްޗަށެވެ. ފަސް ދައުރަށް ނަންދީފައިވަނީ ތަޢުލީމަށް އަސަރުކުރުވި ނުފޫޒުގަދަ ފަރާތެއްގެ ނަމަށް ބިނާކޮށެވެ.

ސަލާޙުއްދީންގެ ދައުރު: 1900 - 1934

ވިހިވަނަ ގަރުނުގެ ކުރީކޮޅު ރާއްޖޭގައި ތައުލީމު އުނގެނިގެން ތިބީ ވަރަށް މަދު ބައެކެވެ. އޭރު ތައުލީމީ ފުރުސަތުތައް ލިބުނީވެސް ވަރަށް މަދުބަޔަކަށެވެ.

"އެ އިރަކު މާބޮޑު ކަރިކިއުލަމެއް ނޯވޭ. 1920 ގެ އަހަރުތަކުގައި ސަރުކާރުން ހިންގި ހަތަރު އެދުރުގެއެއް ހަތަރު އަވަށުގައި ހުރި. އަރަބި ތާނަ ލިޔުމާއި ޤުރްއާނާއި ނަމާދުގައި ކިޔައިދޭ އެއްޗެތި އޭރު ކިޔަވައިދެމުން ދިޔައީ. ހަމަ މިދުވަސްވަރު، މާލޭގެ އަމިއްލަ ހަތަރު ގެއެއްގައި، އަމިއްލަ ގޮތުން ބޭފުޅުން ކިޔަވައިދެމުން ގެންދިޔަ. އޭގެ ތެރެއިން އެންމެ މަޝްހޫރުވެފައިވީ، ބަގީޗާގޭ ގޯތިތެރޭގެ ދެކުނުގައި ހުންނަ ބައެއްގައި، އޭރުގެ ބަންޑާރަ ނާއިބު ހުސައިން ސަލާހުއްދީނު ކިޔަވައިދެއްވި ކިލާހެއް،" ޑރ. އާއިޝަތު ވިދާޅުވިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި، މި ކިލާސް ނުވަތަ މަދަރުސާ ސަރުކާރުން "ނަގައި"، ބަގީޗާގޭ ކުރިމަތީގައި ހުރި ފަނޑިޔާރުގޭގެ ފެންޑާއެއްގައި، ސަރުކާރުން ޚަރަދުކުރާ ގޮތަށް ފުރަތަމަަ ފަހަރަށް މަދަރުސާއެއް ހުޅުވިއެވެ. މަދަރުސަތުއްސަނިއްޔާގެ ނަމުގައި ހުޅުވި އެ މަދަރުސާގެ ފުރަތަމަ ޕްރިންސިޕަލަކީ ވެސް ސަލާޙުއްދީންއެވެ.

ދިވެހިންނަށް އުނގަންނައިދިނުމަށް ސަލާހުއްދީން އެމަނިކުފާނަށް ވީވަރަކުން މަސައްކަތްކުރި ނަމަވެސް، ސަލާހުއްދީންގެ ދައުރުގައި ތައުލީމާ ވަރަށް ދެކޮޅު ސިޔާސަތުތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީކޮޅު، ރާއްޖޭގެ ސަރުކާރު ހިންގުމާ ހަވާލުވެގެން ހުންނެވި އަލްއަމީރު ހަސަން ފަރީދު ދިވެހިންނަށް ތައުލީމުގެ ދޮރު ބަންދުކުރެއްވުމަށް މަސައްކަތް ކުރެއްވިކަން ގަބޫލުކުރަންވެސް ދަތިވެދާނެއެވެ.

ތައުލީމާބެހޭގޮތުން ހަސަންފަރީދުގެ ދުވަސްވަރު ފާސްކޮށްފައިވާ ބިލެއް--ފޮޓޯ: ދުއްތަނާ އިވުނު އަޑުގެ ހަނދާންހުރިބައި

"އޭރު ރާއްޖޭގައި ކިޔަވައިދިނުން ހުއްދަ އޮންނަނީ ވަކި ބަޔަކަށް. ކިޔަވައިދެވޭނީވެސް ސަރުކާރުން ކަނޑައަޅާފައި އޮންނަ އެއްޗެއް. އޭގެ ބޭރުން އެއްވެސް އެއްޗެއް ކިޔަވައެއް ނުދެވޭނެ. އެކަން އޮންނަނީ ގާނޫނަކުން ފާސްކޮށްފައި. ފޮތާއި މަޖައްލާ ފަދަ ތަކެތި ބޭރުން އެތެރެކުރުންވެސް މަނާކުރެއްވި،" ޑރ. އާއިޝަތު ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމުގެ ފުރުސަތުު ދެ ޖިންސަށް ހަަމަހަމަގޮތުގައި މިހާރު ދިން ނަމަވެސް، ހަސަން ފަރީދު ސަރުކާރު ހިންގެވި ދުވަސްވަރުގެ ތެރެއިން އަންހެނުންނަށް ތައުލީމު ދިނުން މަނާކުރި ދުވަސްވަރެއް ވެސް ދިޔައެވެ. މިއީ، އަންހެނުންނަށް ފިރިހެނުން ކިޔަވައިދިނުމަކީ އެކަށީގެން ނުވާ ކަމެއް ކަމަށް ސަރުކާރަށް ފެނުމުގެ ނަތީޖާއެވެ.

އާއިޝަތު ވިދާޅުވީ އެފަދައިން ހަސަން ފަރީދު އަމަލުކުރެއްވި އެއް ސަބަބެއް ކަމަށްވަނީ، ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލައިގެން ތިބުމަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. ހާއްސަކޮށް ގިނަ ބަޔަކަށް ތައުލީމުގެ ފުރުސަތުތައް ލިބިއްޖެނަމަ ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވި، ހައްގުތަައް ހޯދުމަށް އިހުތިޖާޖްކުރުމަކީ ވަރަށް ކައިރިކަމެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި، ހަސަން ފަރީދުގެ މި ނިންމުމަކީ، ކޮމިއުނިޒަމާއި އިނގިރޭސީންގެ އަތްދަށުން އިންޑިއާ ވަކިވެގަތުމަށް ކުރަމުން ދިޔަ ހަރަކާތްތަކުން ދިވެހިރާއްޖެ އެކަހެރިވެ ތިބުމެވެ.

މުހައްމަދު އަމީން ދީދީގެ ދައުރު: 1935- 1953

ރާއްޖޭގެ ފުރަތަމަ ރައީސްކަމަށް ވަޑައިގަތް މުހައްމަދު އަމީންގެ ކިބައިން ފެނިގެން ދިޔައީ ތައުލީމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވަން ފެއްޓެވި ތަނެވެ. ސްރީލަންކާއިންނާއި އަލީގަޅުން ތައުލީމު ހާސިލުކުރެއްވި ރައީސް އަމީން ދީދީއަކީ ދުނިޔޭގެ ކަންތައްތަކަށް ވަރަށް ލޯހުޅުވިފައި ހުންނެވި ބޭފުޅެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ދަތި ދުވަސްވަރުވެސް ރައީސް އަމީން ދީދީ، އޭރު ހިންގަމުން ދިޔަ ދާރުލްއިގާމާ ބޯޑިން ހައުސްއަށް ކޮންމެ އަތޮޅަކުން ދެ ދަރިވަރުން މާލެ ގެނެސް ކިޔެވޭނެ ފުރުސަތު ހޯދަވައިދެއްވިއެވެ. ދެ އަތޮޅަކުން މާލޭގައި އަމިއްލަ ގޮތުން ހޮސްޓަލެއް ހެއްދެވިއެވެ.

އަމީން ދީދީ މިސްރުގެ އަހުރާމްތައް ކައިރީގައި.

"ސޯދުބެ އަކީ އެގޮތަށް ރައީސް އަމީން މާލެ ގެންނެވި ދަރިވަރެއް،" ޑރ. އާއިޝަތު ވިދާޅުވިއެވެ.

އަންހެނުންނަށް ތައުލީމުދިނުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް ދެޖިންސަށްވެސް ތައުލީމުގެ ފުރުސަތުތަށް ރައީސް އަމީން ދީދީ ވަނީ ހޯއްދަވައިދެއްވާފައެވެ. ލަންކާއަށް ދިވެހި ދަރިވަރުން ކިޔަވަން ފޮނުވަން ސަރުކާރުން ފެށީވެސް އަމީން ދީދީގެ ވެރިކަމުގައެވެ. ބޭސްވެރިކަމާއި ދަނޑުވެރިކަމާއި ވިޔުން ފަދަ މަސައްކަތްތައް ވެސް ރައީސް އަމީން ދައުރުގައި ކިޔަވައިދޭން ފެށިއެވެ.

އިބްރާހިމް ނާސިރުގެ ދައުރުު: 1954- 1978

ރައީސް އަމީންގެ ދައުރަށް ފަހު ރައީސް އިބްރާހިމް ނާސިރުގެ ދައުރުވެސް ފެނިގެން ދިޔައީ ރާއްޖޭގެ ތައުލީމުގައި އިތުރު ކުރިތައް ފަޅައި ފޯދެމުން ދިޔަ ތަނެވެ. ނަމަވެސް އަމީނިއްޔާއާ މަޖީދިއްޔާގައި ހަމައެކަނި ކިޔަވައިދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ގިނަ ދަރިވަރުންނަށް ސްކޫލުތަކުން ޖާގަަނުލިބުމެވެ. މިއީ ރައީސް އަމީނުގެ ދައުރުގައި އަތޮޅުތެރޭގައި ފެށުނު މަދަރުސާތައް ހީނަރުވެގެން ދިއުމުގެ ސަބަބުން އައި ނަތީޖާއެކެވެ.

އޭރު ރާއްޖޭގައި ތައުލީމު އުނގެނިގެން ތިބި މީހުން ކޮންމެވެސް ވަރަކަށް ތިބުމާއެކު އެމީހުންވެސް ދެކެމުންދިޔައީ ރާއްޖޭގެ ތައުލީމު އިތުރަށް ފުޅާވާތަން ދުށުމަށެވެ. އޭގެ އިތުރުން ދިރިއުޅުމަށް ކުރާނެ އިތުރު މަސައްކަތްތަކެއް ކުރަން ބޭނުންވެފައި ތިބި ތައުލީމީ މީހުން، ތައުލީމު އިތުުރު ބަޔަކަށް އުނގަންނައިދިނުން ވެގެން ދިޔައީ ރަނގަޅު ވަޒީފާއަކަށެވެ. އެމްއީއެސްއާއި އީޕީއެސް ފަދަ އަމިއްލަ ސްކޫލުތައް އުފެދިގެން އައީ މި ދެންނެވި ކަންތައްތަކުގެ ސަބަބުންނެވެ. 1974 ގައި ސާދަަ ވަރަަކަށް އަމިއްލަ ސްކޫލް މާލޭގައި ހުއްޓެވެ.

އިބްރާހިމް ނާސިރުގެ ވެރިކަމުގައި، މާލެއިން ބޭރުގައި ރާއްޖެތެރޭގައި ހުޅުވި ފުރަތަމަ ސަރުކާރު ސްކޫލު، ބ. ކޮމިޔުނިޓީ ސްކޫލު-- -ފޮޓޯ: ދުއްތަނާ އިވުނު އަޑުގެ

ނާސިރުގެ ދައުރުގައި އެންމެ ބޮޑަށް ފާހަަގަވެގެން ދިޔައީ ރާއްޖޭގައި އިނގިރޭސިބަހުން، ބިދޭސީ މުދައްރިސުން ލައްވައި ކިޔަވައި ދެއްވަން ފެއްޓުމެވެ. މިއީ ޙަޤީޤަތުގައި ރައީސް މުހައްމަދު އަމީންގެ ވިސްނުން ފުޅެކެވެ. އެކަން އެމަނިކުފާނު "ސިލޯނު އޮބްޒާވަރ" ނޫހަށް 1953 ގެ ޖެނުއަރީގައި ދެއްވައިފައިވާ އިންޓަވިއުއިން ސާފުވެއެވެ. ސަރުކާރުން ދަރިވަރުން ސްރީލަންކާއަށް ކިޔަވައިދެއްވަން ފޮނުއްވާ ފޮނުއްވުން ހުއްޓިގެން ދިޔައީ ރައީސް ނާސިރުގެ ދައުރުގައެވެ.

ހާރިޖީ މިނިވަންކަމާ ގުޅިގެން، ރައީސް ނާސިރު ވަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކާ ހާރިޖީ ގުޅުންތައް ގާއިމުކުރައްވައި ރާއްޖޭގައި ސިއްހީ ދާއިރާއިންނާއި މަސައްކަތްތެރިކަމުގެ ދާއިރާއިން ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތައްވެސް ފައްޓަވައި ދެއްވާފައެވެ. އެންމެ ބޮޑު ބަދަލެއް ގެނުވީ، ކޮމިޔުނިޓީ ސްކޫލްތައް ނާސިރު ދައުރުގައި ފެށިގެން ދިޔަ ދިޔުމުންނެވެ.

މައުމޫންގެ ދައުރު: 1978 - 2008

ތިރީސް އަހަރުވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ތައުލީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވިއެވެ. ނާސިރު ދައުރުގައި ފެށުނު ކޮމިއުނިޓީ ސްކޫލް މަޝްރޫއު ފުޅާކޮށް، އަތޮޅު ޕްރައިމަރީ ސްކޫލް ޕްރޮޖެކްޓް ފައްޓަވައި، ގިނަ ސްުކޫލްތަކެއްގައި ސާނަވީ ފެންވަރަށް ކިޔަވައި ދެއްވަން ފެއްޓެވީ މައުމޫން ދައުރުގައެވެ.

ދުނިޔޭގެ އެކި ގައުމުތަކާ ހާރިޖީ ގުޅުންތައް ގާއިމްކޮށް ޖަޕާން ފަދަ ގައުމުތަކުގެ ހިލޭ އެހީއާއެކު ވަނީ ގިނަ ސްކޫލުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅައި ތައުލީމުގެ ވޮށް މުޅި ރާއްޖޭގައި ދިއްލާލާފައެވެ.

ނާސިރުގެ ދައުރުގައި ހުޅުވި ބ. އަތޮޅު ކޮމިއުނިޓީ ސްކޫލު ( މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒު). މައުމޫންގެ ދައުރުގައި އެ ސްކޫލަށް ވަނި ވަރަށް ބޮޑެތި ތަރައްގީތަކެއް ގެނެސްދެއްވާފައި--

މައުމޫނުގެ ދައުރުގައި ބައިނަލްއަގުވާމީ ޖަމާއަތްތަކުންވެސް ވަނީ ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް އެކުލަވާލުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ. ރައީސް މައުމޫން ހަމައެކަނި ސެކަންޑްރީ ތައުލީމު ފުޅާކުރެއްވީއެއް ނޫނެވެ. ރާއްޖޭގައި މަތީ ތައުލީމުގެ ބިންގާ އެޅުމުގައިވެސް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފުރަތަމަ ކޮލެޖް އުފެއްދެވީ ވެސް ރައީސް މައުމޫނުގެ ދައުރުގައެވެ. ޢަރަބި މީޑީއަމުން ކިޔަވައިދޭ މަދަރުސާއަކާއި ކޮލެޖެއް ވެސް އުފެއްދެވިއެވެ.

"ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްވަރު ވަނީ ޔުނިވާސިޓީގެ ބިލްވެސް ތައްޔާރުކޮށްފައި. ފާސްނުކޮށް އޮތީ. ދެން ރައީސް ނަޝީދުގެ ވެރިކަމުގައި ބިލް ފާސްކޮށް ސަރުކާރުގެ އެކި ޓްރޭނިން ދޭ މަރުކަޒުތައް ޔުނިވާސިޓީއަކަށް ބަދަލުވެގެން ދިޔައީ." ޑރ. ޢާއިޝަތު ވިދާޅުވިއެވެ.

މައުމޫނުގެ ފަސް : 2008 - 2015

ރައީސް މައުމޫނުގެ ވެރިކަމަށްފަހު ފެނިގެން ދިޔައީ ރާއްޖޭގައި މަތީ ތައުލީމު ވަރަށް ބޮޑަށް ފުޅާވެގެން ދިޔަތަނެވެ. މިކަން މެދުވެރިވީ، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު އުފެދުމާ ގުޅިގެން އަމިއްލަ ތަންތަނުން ދޭ ސަނަދުތައް ގަބޫލުކުރަން ފެށުމުންނެވެ.

މަޖީދީމަގުގައި ހުންނަ އެވިޑް ކޮލެޖުގެ މައި ކެމްޕަސް --- ފޮޓޯ/ އެވިޑް ކޮލެޖް

ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް ދިރާސާ ކުރިއިރު ޑރ. އާއިޝަތަށް ވަނީ ރަނގަޅުު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް ފެނިވަޑައިގެންފައެވެ. އެގޮތުން ރާއްޖެތެރެއާ މާލެއާ ދެމުދު ވަރަށް ބޮޑު ފަރަގެއް ތައުލީމީގޮތުން ހުރުމާއި ވަޒީފާތަކަށް ބޭނުންވާ މީހުން އުފެއްދުމުގައި ތައުލީމީ ސިޔާސަތުތައް އެކަށީގެންވާ ނަތީޖާ ދެއްކިފައިނުވާކަން ވަނީ ފާހަަގަކުރައްވައިފައެވެ.

ތައުލީމީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ޑރ. އާއިޝަތު ވަނީ އޭނާގެ ދިރާސާގައި ލަފާ އަރުވާފައެވެ. އޭގެ ތެރޭގައި މިނިވަންކަމާއެކު އެކި ސްކޫލުތައް ހިންގުމަށް ލާމަރުކަޒީ ކުރުމާއި، ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ އޯ ލެވެލް ކަރިކިއުލަމެއް ތައާރަފްކުރުމަށް ވަނީ ލަފާއަރުވާފައެވެ.

ރާއްޖޭގެ ތާރީހާބެހޭ މައުލޫމާތުތަކަށް ފެންބޮވައިގެންފައި ތިއްބެވި ބޭފުޅުންނަށް ޑރ. އާއިޝަތުގެ ތީސިސްއަކީ އަގުހުރި ޖަވާހިރެކެވެ. އޭގެ އިތުރުން، ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖޭގެ ޖީލުތަކަށް ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް އެއްފޮތަކުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެމެެއެވެ. މިއީ އެކެޑެމިކް މަސައްކަތެކެވެ. އެކަޑެމިކް ލިޔުންތަަކަކީ އޮށްޓަރު ހުރިކަމަށް ގިނަބަޔަކު އެއްބަސްވާ ލިޔުންތަކެއް ވެސް މެއެވެ.

"މިހާރު މި މަސައްކަތް ކުރަމުންދަނީ އަޅުގަނޑުގެ ޕީއެޗްޑީ ދިރާސާ ފޮތެއްގެ ސިފައިގައި ދިވެހި ބަހުންނާ އިނގިރޭސި ބަހުން ޝާއިއުކުރަން،" ޑރ. އާއިޝަތު ވިދާޅުވިއެވެ.

comment ކޮމެންޓް