ލީކު ކޮށްލައިގެން އުޅެނީ އިދިކޮޅު މީހުން ހަދައިގެން އުޅޭ ފްލެޓް ލިސްޓެއް: މުއިއްޒު

ޕީޕީއެމް އިން "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓް ދިން މީހުންގެ ލިސްޓު ކަމަށް ބުނެ ލީކު ކޮށްލައިގެން އުޅެނީ އިދިކޮޅު ފަރާތްތަކުން އޮޅުވާލަން އަމިއްލައަށް ހަދައިގެން އުޅޭ ލިސްޓެއް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ހައުސިންގް މިނިސްޓްރީގައި އޮންނާނީ އެންމެ ފްލެޓް ލިސްޓެއް ކަމަށެވެ. އެއީ އެ މިިސްޓްރީން އާންމުކުރި ލިސްޓު ކަމަށާއި އެހެން ލިސްޓެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑޭޓާ ބޭސްގައި އަދި އަޅުގަނޑުމެންގެ ލިޔެކިޔުންތައް އޮންނާނީ އެންމެ ލިސްޓެއް. އެހެންވީމަ ލީކުވާކަށެއް ތަނުގައި ނެތް އެއްޗެއް ނޯންނާނެ. އެހެންވީމަ އެއީ ފެބްރިކޭޓެޑް އެއްޗެއް. ޓޯޓަލީ ފެބްރިކޭޓެޑް އެއްޗެއް،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓަށް މީހުންނަށް ވަނަ ދިން ހިސާބުން ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން އެނގޭ ކަމަށާއި އެތަނަށް ގޮސްގެން ފްލެޓް ލިބުނީ ކޮން ބައެއްކަން ބަލައި އެމީހުންގެ މައުލޫމާތު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އެ ލިސްޓުގައި ހުރި ފޯމު ނަމްބަރާއި އެމީހުން އަތުގައިހުރި މައުލޫމާތުތައް އެކި ގޮތްގޮތަށް ހޯދައިގެން ލިސްޓެއް ހެދުމަކީ އެހާ އުނދަގޫ ކަމަކަށް މިޒަމާނަކު ނުވާނެ." މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން އިހުލާސްތެރިކަމާއި ތެދު ނިޔަތުގައި ކުރާ މަސައްކަތާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ "އެކަމާ އެއްގޮތަކަށްވެސް ޖެހިލުމެއް ނުވޭ" ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހަމަހަމަކަމާއި އިންސާފާއެކު ރައްޔިތުންނާ މެދު އަމަލު ކުރާ ސަރުކާރެއް މި ނޫނީ ނޯންނާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކަމާ ގުޅިގެން ދައްކާނެ ވާހަކައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ހަގީގަތާ އެއްގޮތަށް ވާހަކަދައްކަންޏާ ހުޅުވާލެވޭނެ އަނގައެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮޅުވާލައިގެން ފްލެޓް ހައްގު ނޫން މީހަކަށް ފްލެޓް ދީފައެއް ނޯންނާނެ ކަމަށެވެ. އަދި ހާލަތު އޮޅުވާލައިގެން ފްލެޓަށް ފޯމުލައިގެން ފްލެޓް ހޯދި ނަމަވެސް އެ ފެލެޓް އަތުލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ފްލެޓްދީފައިވަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ގޭގެއަށް ގޮސް ބަލާ ބެލުމަށް. އެވަގުތު ކޮޅުތެރޭގައި ބަލާ ބެލުންވެސް އޮޅުވާލުމަށްޓަކައި ކަންކަން އެބަކުރޭ. ފަހުން މި އެނގެނީ. އެ ފަރާތްތަކުން ވަކިން ތަންކޮޅެއް ހަދާލައިގެން އަޅުގަނޑުމެން ދާންވާއިރަށް އެކްޓެއް ކުރައްވާ." މުއިއްޒު ވިދާޅުވި އެވެ.

އެކަން ފާހަގަވުމުން އެފަރާތްތަކަށް ފްލެޓް ދީފައި ހުރި ނަމަވެސް އަތުލާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަލަށް ދޫކުރި ފްލެޓްތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ. ދެ ކެޓަގަރީއަކުން ފްލެޓް ދޫކޮށްފައިވާއިރު ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބުނެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭއްގައި ހިމެނެނީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ، އަތޮޅުތަކުގެ މީހުންނެވެ. އެ ކެޓަގަރީން 161 މީހުންނަށް ފްލެޓް ލިބުނެވެ. މި ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6000 ރުފިޔާއެވެ. ޑައުން ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25000 ރުފިޔާއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ 167 އާއިލާއަކަށް މިފަހަރު ފްލެޓު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް