ޝަލަބީގެ ފޭނުންނަށް އުފަންދުވަހުގެ ހަދިޔާއަކަށް "ހީލާ"!

ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އުފަންދުވަހު އޭނާގެ ފަރާތުން އޭނާގެ ފޭނުންނަށް ހަދިޔާކުރި "ހީލާ" ރިލީޒްކުރަނީ-- ފޮޓޯ: ހައުސް އޮފް މިއުޒިކް

މިއަދަކީ ރާއްޖޭގެ ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ 21 ވަނަ އުފަންދުވަހެވެ. މި އުފާވެރި ދުވަހާ ގުޅުވައިގެން ޝަލަބީ ވަނީ، އޭނާގެ ފޭނުންނަށް ޚާއްސަ ހަދިޔާއެއް ދީފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ދެވަނަ ހޯދި ހުނަރުވެރި ލަވަކިޔުންތެރިޔާ، އޭނާގެ އުފަންދުވަހާ ދިމާކޮށް، ފޭނުންނަށް މިފަހަރު ދިން ހަދިޔާއަކީ، "ހީލާ"އެވެ.

ކުރިއަރަމުން އަންނަ ޒުވާން ޅެންވެރިޔާ ނަސްމާ އަބްދުލް މުހްސިން އޭނާގެ އަމިއްލަ ރާގަކަށް ލިޔެފައިވާ އަދި ޝަލަބީގެ ހިތްގައިމު އަޑުން ކިޔާފައިވާ "ހީލާ"، މިއަދު ނެރެދިނީ ނަސްމާއެވެ.

ޝަލަބީ ސަންއަށް މިއަދު ބުނީ، "މޯލްޑިވިއަން އައިޑަލް" ފެށިފަހުން، އޭނާގެ ކޮންމެ އުފަންދުވަހަކާ ދިމާކޮށް ފޭނުންނަށް ޚާއްސަ ލަވައެއް ހަދިޔާ ކުރާ ކަމަށެވެ.

"މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން، ނަސްމާ ސްކޫލް ދައުރުގައި އޭނާ ހަދާފައިވާ އަމިއްލަ ރާގެއް. ދެން ވަރަށް އުފާވެރި ގޮތަކަށް މި ލަވައިގެ ރާގުވެސް އަދި ލިރިކްސްވެސް މިވަނީ. އެހެންވެ ހިތަށް އެރީ މިފަހަރު ޝަލަބީގެ ފޭނުންނަށް ހަދިޔާކޮށްލާނީ މިލަވައޭ،" ޝަލަބީގެ އޮރިޖިނަލް ލަވަ "ހީލާ" އާ ގުޅޭގޮތުން ސަންއަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

"މިއީ އަޑު އަހާލަން ވަރަށް ފަސޭހަ، ހެޕީ ސޯންގެއް."

ޝަލަބީގެ "ހީލާ" "ލަވަފޮށި"ން މިހާރު އަޑުއަހާލެވޭނެއެވެ.

އުފަންދުވަހު ފޭނުންނަށް ހަދިޔާކުރާ ޚާއްސަ ލަވައިގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަމަހަށް ޚާއްސަ މަދަހަ އަލްބަމެއް ނެރުމަކީވެސް ޝަލަބީ މިހާރު ހިފާފައިވާ އަމާޒެކެވެ.

ޝަލަބީގެ "ހީލާ"އަކީ، "ހައުސް އޮފް މިއުޒިކް"ގެ އުފެއްދުމެކެވެ. މިލަވައިގެ ގިޓާ ކުޅެދީފައި ވަނީ، ވިންފާޒެވެ. އަދި ޔަންމޫ ބޭސް ކުޅެދީފައި ވާއިރު، ލަވައިގެ ކީބޯޑު ކުޅެދީފައި ވަނީ ހުސައިން ތައުފީގެވެ.

ޝަލަބީގެ މެނޭޖަރު ޝަފީގު އަލީ "ސަން"އަށް ބުނީ، "ހީލާ"ގެ އޯޑިއޯ އެކަނި މިހާރު ރިލީޒް ކުރި ނަމަވެސް، ވަރަށް އަވަހަށް އެ ލަވައިގެ ވީޑިއޯވެސް ތައްޔާރުކޮށް ނެރޭނޭ ކަމަށެވެ.

comment ކޮމެންޓް