މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރުމުން މަހުލޫފަށް ޓެރަރިޒަމްގެ ތުުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާފުށީ ޖަލު ކައިރީ އިދިކޮޅު ފަރާތްތަކުން ފެބުރުއަރީ ތިންވަނަ ދުވަހު ކުރި މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.

ހައްޔަރުގައި ބަހައްޓައިގެން ސުވާލު ކުރާ މީހުންނަށް ދޭ ގާނޫނީ އިންޒާރު ފުލުހުން ރޭ ވަނީ މަހުލޫފަށް ދީފަ އެވެ. އެ އިންޒާރުގައި ވާ ގޮތުން މަހުލޫފުގެ މައްޗަށް ފުލުހުން ޓެރަރިޒަމްގެ ތުހުމަތު ކުރަނީ މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލާގަ އެވެ.

އަދި އެ ތުހުމަތު ކުރަނީ ފެބުރުއަރީ ތިންވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި މަހުލޫފާއި އިތުރު ބަޔަކު އިސްވެ ތިބެ މާފުށީ ޖަލު ކުރިމައްޗަށް އެއްވެ މުޒާހަރާކުރަން ތިބި މީހުންގެ ތެރެއިން ބަޔަކު ޖަލުގެ މައި ގޭޓް މައްޗަށް އަރައި ގޭޓް ތަޅުވައި އެތެރެއަށް ވަންނަން މަސައްކަތް ކޮށްފައިވާތީ ކަމަށްވެސް ގާނޫނީ އިންޒާރުގައި ވަނީ ބުނެފަ އެވެ.

މަހުލޫފުގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލާގައި މަހުލޫފު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައިވަނީ ވެސް ފެބުރުއަރީ 18 ވަނަ ދުވަހު ކަމަށާއި އޭރު ފުލުހުން ދިން ގާނޫނީ އިންޒާރުގައި ޓެރަރިޒަމް ނެތް ކަމަށެވެ.

މަހުލޫފު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ 22 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. އަދި އެ މައްސަލާގައި މަހުލޫފުގެ ބަންދަށް މިއަދު ވަނީ އިތުރު ފަސް ދުވަސް ޖަހައިފަ އެވެ.

އޭގެ އިތުރުން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ދެ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެއީ މަހުލޫފު ކުރި ދެ ޓްވީޓަކާ ގުޅިގެންނެވެ.

comment ކޮމެންޓް