ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފެށުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ޕްރޮޖެކްޓުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ ޕްރޮޖެކްޓް ޑައިރެކްޓަރު ނަވާޒު ޝައުގީ ވިދާޅުވީ، މިއަދު ފައުންޑޭޝަން ކޮންކްރީޓް އަޅަން ފެށީ 16 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ޓަވަރުގެ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އަނެއް ޓަވަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެއް ބިލްޑިން ނިންމާފަ އަނެއް ބިލްޑިން އަންނަންދެން މަޑެއް ނުކުރާނެ. ހުރިހާ މަސައްކަތެއްވެސް ދާނީ ކުރިއަށް، އެގޮތުން ކޮންމެ ފަސް ދުވަހަކުން ބިލްޑިންތަކުގައި ފައުންޑޭޝަން އެޅިގެން އެ ދާ ސްޕީޑްގައި މި މަސައްކަތް ނިމިގެން ދާނީ. އަސްލު ހަގީގަތުގައި މި މަސައްކަތް ކުރިއަށް މިދަނީ ޝެޑިއުލް ކުރެވިފައިވާ ވަރަށްވުރެ އަވަހަށް،" އޭނާ ވިދާޅުވިއެވެ.

ނަވާޒު ޝައުގީ ވިދާޅުވީ، މަސައްކަތްތައް ކުރުމަށް އެއްވެސް ހުއްޓުމެއް ނައިސް އެއްވެސް ދައްޗެއްނެތި މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ފައުންޑޭޝަން މަސައްކަތް ކުރިއަށްދާއިރު އަނެއް ޓަވަރުތަކުގެ ކޮންކްރީޓް މަސައްކަތް ފެށުމަށް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ނަވާޒް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ހިންގާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ އެ ޕްރޮޖެކްޓަކީ 434 މިލިއަން އެމެރިކާ ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ޕްރޮޖެކްޓެކެވެ.

7000 އެޕާޓްމަންޓެއް ހިމެނޭ އެ ހައުސިން ޓަވަރުތައް އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 450،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

އަދި އެޕާޓްމަންޓުތައް ހަދާނީ ދިވެހި ސަރުކާރުން ބޭނުންވާ ކަންތައްތައް ހިމަނައިގެން، ޗައިނާގެ އިމާރާތް ކުރުމުގެ ސްޓޭންޑަޑަށެވެ. އެޕާޓްމަންޓުތައް އެޅުމަށް ބޭނުންވާ ދަގަނޑާއި ސިމެންތި ފަދަ ކޮންސްޓްރަކްޝަން އާލާތްތައް ގެންނާނީ ސީދާ ޗައިނާއިން ކަމަށް ވެސް ޗައިނާގެ ނޫސްތަކުން ބުނެއެވެ.

comment ކޮމެންޓް