ރާއްޖޭގައި އެމްބީބީއެސް ހަދަން އަންނަ ހަފްތާގައި 50 ޖާގަ ހުޅުވާލަނީ

ޔުނިވާސިޓީގެ ވައިސްޗާންސެލާ ފަވާޒް-- ސަން ފޮޓޯ

ރާއްޖޭގައި އެމްބީބީއެސް ހަދަން އަންނަ ހަފުތާގައި 50 ޖާގަ ހުޅުވާލަން ގައުމީ ޔުނިވާސިޓީން ނިންމައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ވިދާޅުވީ އެމްބީބީއެސް ކޯހަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޖާގަ އޮތްވަރަކުން ޝަރުތުހަމަވާނަމަ ކުދިން ކޯހަށް ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން އަދި ވިސްނާފައި މިއޮތީ ފަސްޓް ކަމް ފަސްޓް ބޭސިސްއަށް އަޅުގަނޑުމެން ގެންދާގޮތަށް. ޝަރުތު ހަމަވާކުދިން ނަގަމުން ގެންދާނީ. ވަކި އުމުރު ކަހަލަ ރިކުއާމަންޓެއް އަދި ނެތް،" ފަވާޒް ވިދާޅުވިއެވެ.

ފަވާޒް ވިދާޅުވީ އެމްބީބީއެސްއަށް ކިޔަވައިދޭން ފަށާއިރު ކްލިނިކަލް މާއްދާތައް ކިޔަވައިދޭނީ ރާއްޖޭގެ ޑޮކްޓަރުންް ކަމަށެވެ. އަދި ބޭސިކް ސައިންސްގެ ތިން މާއްދާ ކިޔަވައިދޭނެ ބޭރުގެ ޓީޗަރުން މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްބީބީއެސް ކުރިއަށްދާއިރު މައިގަނޑު ކްލިނިކަލް ޕްރެކްޓިކަލްތައް ކުރިއަށްގެންދާނީ އައިޖީއެމްއެޗްގައި ކަމަށް ފަވާޒު ވިދާޅުވިއެވެ. އަދި އެމްބީބީއެސް ކުރިއަށް ގެންދާނީ މެލޭޝިއާގެ މެޑިކަލް ކައުންސިލްގެ ފާސް ލިބިފައިވާ ޔުނިވާސީޓީއަކާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް މިބަލަނީ އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް ކަރިކިއުލަމަށް ދާން. މެލޭޝިއާ މިބޮޑަށް ވިސްނަނީވެސް އެއީ މިރީޖަންގަވެސް އެންމެ ގަބޫލުކުރާ އަދި ހުޅަނގުގެ ގައުމުތަކަށްވެސް މެލޭޝިއާގެ ކަރިކިއުލަމްއާއެކު އެބަދެވޭ،" ފަވާޒު ވިދާޅުވިއެވެ.

comment ކޮމެންޓް