ކުޑަހުވަދޫގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ

ދ. ކުޑަހުވަދޫ -- ފޮޓޯ: އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި މޫދަށް އެރިއުޅުނު ޑައުންސިންޑްރަމް ހުންނަ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ގެނބިގެން މަރުވެފައި ވަނީ އެ ރަށު ސަމަންދަރު، އަހުމަދު އަފްސަން، 17 އަހަރެވެ. އޭނާއަކީ ޑައުންސިންޑަރަމް ހުންނަ ކުއްޖެއްކަން ކައުންސިލާއި އާއިލާ އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ސައުދީ މިއަދު 'ސަން' އަށް ވިދާޅުވީ، ރަށު ހުޅަނގު ފަރާތު މޫދުން އަފްސަން ފެނުނީ، މިއަދުގެ 11:30 އެހާކަންހާ އިރު އޭނާ ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރުމުން ހޯދަމުންދަނިކޮށް ކަމަށެވެ.

އަދި އޭނާ ފެނުނީ ހޯދަމުންދަނިކޮށް އޭގެ ބައިގަޑި އިރެއްހާ އިރު ފަހުން، ގާތްގަނޑަކަށް ރަށްކައިރީ ފެންމަތީގައި އޮއްވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ސަން އާ ވާހަކަ ދައްކަމުން އަފްސަންގެ އާއިލާ މެމްބަރަކު ބުނީ، އޭނާއަކީ މީގެ ކުރީން ވެސް މޫދަށް އެރި އުޅޭ ކުއްޖެއް ކަމަށާއި ނަމަވެސް ގިނައިން ގޮސް އުޅޭނީ ކޮންމެ ވެސް މީހަކާ އެކުގައި ކަމަށެވެ.

"މިއަދު ވެސް ހޭލައިގެން ކިރު ތަށި ބޮއެގެން ގެއިން ދިޔައީ. ދެން ހަބަރެއް ނުވެގެން އޭގެ ބައިގަޑި އިރު ވެސް ނުވަނީސް ހޯދަން ފަށައިފިން. ދެން ފުލުހުންނަށް ވެސް ހުށަހަޅައިގެން ރަށު ކައުންސިލުން އަޑުގަދަ ބޭނުން ކޮށްގެން ވެސް ހޯދިން،" މަރުވި ކުއްޖާގެ އާއިލާ މެމްބަރަކު ބުންޏެވެ.

އޭނާ ބުނީ، އަފްސަން މަރުވީ މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި އޭނާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައި އޮތް ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

comment ކޮމެންޓް