ޖެޓްސްކީއަކުން ޖެހި އަނިޔާވި ފަތުރުވެރިޔާއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭން ހުކުމް ކޮށްފި

ފަތުރުވެރިންތަކެއް ރާއްޖޭގައި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރިއެއްގެ ގޮތުގައި 2014 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި މީހެއްގެ ގައިގައި ޖެޓްސްކީއަކުން ޖެހި ލިބުނު ގެއްލުމުގެ ބަދަލުގައި 148،450 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހާދިސާގައި ގެއްލުން ލިބިފައި ވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ލިންޑާ ލީ އަށެވެ. އެމައްސަލަ ނިންމައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ ޖެޓްސްކީ ދުއްވަން އިން މީހާ ބަލަންވީ ވަރަށް ނުބެލުމުން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ.

ޖެޓްސްކީ ދުވަން އިނީ ބިދޭސީ މީހެކެވެ. ނަމަވެސް ދުއްވަން އިން މީހާއަށް އިރުޝާދު ދީފައި ވަނީ ޖެޓްސްކީގެ ފަހަތުގައި އިން ދިވެއްސެކެވެ. ހުކުމުގައި ބުނެފައި ވަނީ އެއީ ފަހަތުގައި އިރުޝާދުދޭން އިން މީހާގެ އިހުމާލުން ހިނގި އެކްސިޑެންޓެއް ކަމަށެވެ.

އެ އެކްސިޑެންޓުގެ ސަބަބުން ލިންޑާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަކީ އިހުމާލުވި ފަރާތުގެ ޒިންމާއެއް ކަމަށް ވަތީ ޖިސްމާނީ އަނިޔާތަކަށް ބޭސްފަރުވާ ކުރުމަށް ހަރަދުވި 3397 (39867 ދިވެހި ރުފިޔާ) ސިންގަޕޫރު ޑޮލަރު ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އޭގެ އިތުރުން އެކްސިޑެންޓުގެ ސަބަބުން މަސް ދުވަހު ވަޒީފާއަށް ނުނިކުމެ ލިންޑާ ހުންނަން ޖެހިފައިވާތީ މަހަކަށް ލިބޭ މުސާރަ 5104 (59901 ދިވެހި ރުފިޔާ) ސިންގަޕޫރު ޑޮލަރާއި އެކްސިޑެންޓުގެ ސަބަބުން ޗުއްޓީ ކުރުކޮށްލާއި ރާއްޖޭން ދާން ޖެހިފައި ވާތީ ދިއުމަށް ހަރަދު ކުރި 4000 (46944 ދިވެހި ރުފިޔާ) ސިންގަޕޫރު ޑޮލަރު ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ޖުމްލަ 148،450 ރުފިޔާ މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް