މި ކުޑަދަރިފުޅު ކިޑްނީއެއްގެ އިންތިޒާރުގައި!

މުހައްމަދު މާއިން މޫސާ--- ފޮޓޯ/ އާއިލާ

ހއ. އިހަވަންދުއަށް އުފަން އުމުރުން 11 އަހަރުގެ މުހައްމަދު މާއިން މޫސާ އަކީ މިއަދު ހެލިފެލިވެ އުޅުމަށް ނުކުޅެދިފައި ހުރި ތުއްތު ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން މާއިން ވެސް ގިނަ ހުވަފެންތަކެއް ދެކެއެވެ. ކިޔަވާ، ކުޅެލާ، މަޖާކޮށްލަން ވެސް މާއިން ބޭނުންވެއެވެ. ނަމަވެސް މިއަދު މާއިން ވަނީ މި ކަންތައްތައް ކުރުމަށް ނުކުޅެދިފައެވެ.

އެ ދަރިފުޅުގެ މުސްތަގްބަލަށްޓަކައި އެތައް ގުރުބާނީތަކެއް އެ އާއިލާއިން އަންނަނީ ވަމުންނެވެ.

މާއިންގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން އޭނާގެ މަންމަ އައިޝަތު އަޒްހާރާ ބުނީ މާއިން ކޮންމެވެސް ވަރަކަށް ބަލިވެ އުޅޭތީ އޭނާ ތިން މަހުގައި ވެސް ޑަކްޓަރަށް ދައްކައި ފަރުވާ ހޯދި ކަމަށެވެ. އަދި އުމުރުން ދެ އަހަރުގައި ވެސް އިންޑިއާއިން ފަރުވާ ހޯދި ކަމަށާއި އިންޑިއާ ހޮސްޕިޓަލުން އޭރު، ކުޑަކަމުދާ ނިޒާމުގައި މައްސަލަ ހުރި ކަމަށް ބުނުމުން އޮޕަރޭޝަނެއްވެސް ކުރި ކަމަށެވެ. ނަމަވެސް ކިޑްނީގައި މައްސަލައެއް ހުރި ކަމަކަށް އޭރު ނުބުނާ ކަމަށެވެ.

މިއަދު މާއިން އަކީ ކިޑްނީ ބަލީގެ (ކްރޯނިކް ކިޑްނީ ޑިޒީޒް) ސްޓޭޖްގެ ފަހެއްގައި ފަރުވާ ހޯދަމުންދާ ކުއްޖެކެވެ. ދެ ކިޑްނީ ވެސް މާއިންގެ ފެއިލްވެފައިވާއިރު ހަފްތާ އަކު ދެ ދުވަހު ޑައިލަސިސް ހަދަން ޖެހޭ ކަމަށް މާއިންގެ މަންމަ ބުންޏެވެ.

އަޒްހާރާ ބުނީ ފުރަތަމަ މާއިން ކެއުމާ ވަރަށް ދުރުވި ކަމަށެވެ. ކެއުމާ ދުރުވުމުން އެ ރަށު (އިހަވަންދޫ މަރުކަޒު) އަށް ގޮސް ދެއްކުމުން ލޭ މަދު ކަމަށް ބުނެ ހދ. ކުޅުދުއްފުށްޓަށް ފޮނުވާލި ކަމަށެވެ.

"ކުޅުދުއްފުށި ހޮސްޕިޓަލުން ދަރިފުޅު ގަޔަށް ލޭ އަޅާ އިރުކޮޅެއްނުވެ ދަރިފުޅު ފިޓް ޖެހުނީ. ދެން އެ ހޮސްޕިޓަލުން މާލެއަށް ދަރިފުޅު ފޮނުވާލީ. އައިޖީއެމްއެޗް އިން ބުނީ ދެ ކިޑްނީ ވެސް ހުރީ ފެއިލްވެފައޭ،" އަޒްހާރާ ބުންޏެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން އައިޖީއެމްއެޗަށް މާއިން ގެންގޮސް އައިސީޔޫގައި ފަރުވާ ދެވުނު ކަމަށާއި އެ ހޮސްޕިޓަލުން އޭރު ޑައިލަސިސް ހެދޭ ގޮތް ނުވުމުން ދަރިފުޅު އިންޑިއާއަށް ފޮނުވާލި ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު މާއިންއަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލް އިންނެވެ.

"ހަފްތާ އަކު ނޫނީ ދެ ފަހަރު ނޫނީ ތިން ފަހަރު ޑައިލަސިސް ހަދަން ޖެހޭ. ދަރިފުޅު ހުންނަނީ އެއްކޮށްހެން ހަމަ ވަރުދޫވެފައި. ވަރަށް ދަތި ކާންދޭން ވެސް،" އަޒްހާރާ ބުންޏެވެ.

މާއިންގެ މަންމަ ބުނީ ޑަކްޓަރު ލަފާ ދިނީ ވީ އެންމެ އަވަހަކަށް މާއިންގެ ކިޑްނީ ބަދަލު ކުރުމަށް ކަމަށާއި ދާއިމީ ފަރުވާ އެއް ދަރިފުޅަށް ލިބޭނީ ކިޑްނީ ބަދަލު ކުރުމުން ކަމަށެވެ.

ކިޑްނީ ޑޯނާއެއް ހޯދުމަކީ މި ވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަންތައް ކަމަށާއި ކުރަންޖެހޭނެ އިތުރު އެތައް ހަރަދުތަކުގެ ސަބަބުން ވަރަށް ބޮޑަށް މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށް ވެސް އަޒްހާރާ ވަނީ "ސަން ކުލުނު" އަށް ބުނެފައެވެ.

"ކިޑްނީ ޑޯނާ އެއް ބޭނުން ވަނީ. އެކަން ކުރުމަށް ވެސް އަދި މާއިން ރަނގަޅު ކުރުމަށް ވެސް މާލީ އެހީ ބޭނުންވޭ. ވީހާ ވެސް ގިނަ އާންމުންގެ އެހީތެރިކަން ބޭނުން. މިއީ މަންމަ އަކު ކުރާ އާދޭހެއް. ދަރިފުޅަށް ހެޔޮ ދުއާ ކޮށްދީ،" އަޒްހާރާ ބުންޏެވެ.

އަޒްހާރާ އެދެނީ އޭނާ ބަނޑުއަޅާ ވިހޭ ތުއްތު ދަރިފުޅަށް ކިޑްނީ ޑޯނާއެއް ހޯދުމަށާއި އަދި މާލީގޮތުންވެސް ކުޑަ ނަމަވެސް އެހީއެއްވެ ދިނުމަށެވެ.

މުހައްމަދު މާއިން މޫސާ އަށް އެހީތެރިވުމަށް

  • ފޯނު ނަންބަރު: 7898999 ( އައިޝަތު އަޒްހާރާ/ މާއިންގެ މަންމަ)
  • ބީއެމްއެލް އެކައުންޓް ނަންބަރު: 7714523536101 (މުހައްމަދު މާއިން މޫސާގެ މަންމަ އައިޝަތު އަޒްހާރާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް