ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދާން ނަމަ މޯލްޑިިވިއަން ހޮލިޑޭޒް

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންވެސް ހިތްފަސޭހަ، އަގުހެޔޮ ޗުއްޓީއެއް ހޭދަކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ދާންވީ ދިމާއަކީ މޯލްޑިވިއަން ހޮލިޑޭސްއެވެ. މޯލްޑިވިއަން ހޮލިޑޭސްއަކީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ޓްރެވެލް އެޖެންސީ ނުވަތަ ޓްރެވެލް ބިއުރޯއެވެ.

ޓްރެވަލްއާ ގުޅޭ ހުރިހާކަމެއް މޯލްޑިވިއަން ހޮލިޑޭސްގެ ފުރާޅުގެ ދަށުން ހަމަޖައްސައިދޭނެއެވެ. ދެހާސް ބާރަވަނަ އަހަރު މޯލްޑިވިއަން ހޮލިޑޭސް ވުޖޫދަށް އައިސް، ޓްރެވަލް ބިއުރޯއެއްގެ ގޮތުގައި ފުލީ ފަންކްޝަން ކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

މޯލްޑިވިއަން ހޮލިޑޭސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ރިޒަވޭޝަން އެންޑް ޓިކެޓިންގެ ހިދުމަތާއި ހޮޓެލް އިންބައުންޑް އަދި އައުޓްބައުންޑު ހިދުމަތް، އެއާޕޯޓު އެސިސްޓެންސްގެ ހިދުމަތް، ވީވީއައިޕީ އެސިސްޓެންސާއި ޗާޓާޑް ފްލައިޓު ހަމަޖައްސައިދިނުމުގެ އިތުރުންވެސް ދަތުރުފަތުރާ ގުޅުންހުރި ކަންކަން ހިމެނެއެވެ.

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވިއަން ހޮލިޑޭސްއިން އެއާލައިން ޓިކެޓިންގެ ހިދުމަތް ދޭ މޭޖާ އެއާލައިންތަކުގެ ތެރޭގައި ސިންގަޕޯ އެއާލައިންސް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް އަދި އިއްތިހާދު އެއާވޭސް ހިމެނެއެވެ.

"305 އަށް ވުރެ ގިނަ އެއާލައިނުގެ ޓިކެޓިން ކަންކަން ކުރަން އަޅުގަނޑުމެން. އެއާޕޯޓަށް މި އަންނަ މޭޖާ ކެރިއާސްތައް އަޅުގަނޑުމެން ފެސިލިޓޭޓުކޮށްދެން. އަދި ހާން އެއާ ޕްލެޓްފޯމް މެދުވެރިކޮށް 300 އަށް ވުރެ ގިނަ އެއާލައިނުގެ ޓިކެޓު ވިއްކޭނެ. ޔޫރަޕުގެ ޓްރެއިން ސާވިސްވެސް އަޅުގަނޑުމެން ބުކް ކޮށްދެން،" މޯލްޑިވިއަން ހޮލިޑޭސްގެ ރިޒަވޭޝަންސް އެންޑް ސޭލްސް އެގްޒެކެޓިވް މުނާ މުނީރު ވިދާޅުވިއެވެ.

"ތަނަކަށް ދާން އެދި ފަސިންޖަރަކު ގުޅާލީމަ، އެ ޑެސްޓިނޭޝަނަކަށް ދެވެން ހުރި ހުރިހާ އޮޕްޝަނެއް އަޅުގަނޑުމެން ދޭނަން. މިސާލަކަށް ސިންގަޕޯއަށް ޓްރެވަލް ކުރަންޏާ ސިންގަޕޯއަށް ޓްރެވަލް ކުރާ ހުރިހާ އެއާލައިންއެއްގެ އޮޕްޝަން،"

މުނާ ވިދާޅުވީ އެ އޮޕްޝަންތަކުން ފަސެންޖަރު ބޭނުން އޮޕްޝަނެއްއް ނެގުމުގެ ފުރުސަތު ދޭ ކަމަށެވެ.

މޯލްޑިވިއަން ހޮލިޑޭސް އިން މިހާރު އަންނަނީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމަށް އަމާޒުކޮށްގެންވެސް ޕެކޭޖުތައް ވިއްކަމުންނެވެ. ގެސްޓްހައުސް ވިޔަފާރިތަކަށް އެކްސްޕޯޝާއެއް ދިނުމުގެ މަގުސަދުގައި ފެށި މި މަސައްކަތުގެ ދަށުން މިހާރު ވިއްކަނީ ހއ، ހދ އަދި ލ އަތޮޅުގެ ގެސްޓުހައުސްތަކުގެ ޕެކޭޖުތަކެވެ.

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކުގެ ޕެކޭޖުތައް ވިއްކުމަކީ އަމާޒު ކަމަށާއި، މި ޕެކޭޖުތަކާއެކު މާލެ ކައިރި ރަށެއްގެ ގެސްޓުހައުސްއެއްގައި ޗުއްޓީ ހޭދަކުރެވޭ އަގަށް އެހެން ރަށްރަށަށް ދަތުރުކޮށް ޗުއްޓީ ހޭދަކުރެވޭނެ ކަމަށް މޯލްޑިވިއަން ހޮލިޑޭސްއިން ބުނެއެވެ.

"އަޅުގަނޑުމެންގެ އަތުގައި މިހާރުވެސް އެބަހުރި 50 އަށް ވުރެ ގިނަ ރިސޯޓުގެ ކޮންޓްރެކްޓްތައް. އޭގެ އިތުރުން ގެސްޓްހައުސްތަކާ މާލޭގެ ހޮޓެލްތަކުގެ ކޮންޓްރެކްޓުތައް ހުންނާނެ،" މުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަސްޓަމައިޒްޑް ޕެކޭޖުތައް ވިއްކާ ކަމަށާއި އެގޮތުން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ ރިކުއެސްޓަށް ޕެކޭޖުތައް ކަސްޓަމައިޒްކޮށްދޭ ކަމަށެވެ.

"ވަރަށް ސަޕޯޓު ލިބޭ. އަޅުގަނޑުމެން މި އޮފާ ކުރަނީ އެންމެ ކުޑަ އަގު. އެކްސްކާޝަން ޓުއާތަކާއެކު އެޓްރެކްޓިވް އަގެއްގައި ރަނގަޅު ޕެކޭޖުތަކެއް މި ވިއްކަނީ،"

މޯލްޑިވިއަން ހޮލިޑޭސްއިން އަންނަނީ ޔޫއޭއީއަށް ދާން ބޭނުންވާ ފަރާތްތަކަށް ވިސާގެ ހިދުމަތްވެސް ދެމުންނެވެ.

ދިވެހި ސަރުކާރުގެ ރަސްމީ ދަތުރުތައްވެސް ބަލަހައްޓަމުން އަންނަނީ މޯލްޑިވިއަން ހޮލިޑޭސްއިންނެވެ. އެތެރެއާއި ބޭރުގެ ދަތުރުތައްވެސް މެއެވެ. މިއާއެކު ސަރުކާރުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެ އެޖެންސީއިން ބުނެއެވެ.

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވިއަން ހޮލިޑޭސްއިން ދޭ އެންމެ މުހިންމު އަނެއް ހިދުމަތަކީ އާސަންދައިގެ ދަށުން ކުރަންޖެހޭ ދަތުރުތައް ކޮށްދިނުމެވެ. އެއްރަށުން އަނެއް ރަށަށް ވައިގެ މަގުން ބަލިމީހުން އުފުލުމާއި އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދާ ބަލިމީހުންގެ ދަތުރުތައް ބަލަހައްޓަނީ މޯލްޑިވިއަން ހޮލިޑޭސްއިންނެވެ.

އެ މަސައްކަތް ފަސޭހަކުރުމަށް މޯލްޑިވިއަން ހޮލިޑޭސްގެ ކައުންޓަރެއް އާސަންދަ އޮފީހުގައިވެސް ވަނީ ގާއިމު ކޮށްފައެވެ. ކުރިއަށް އޮތްތަނުގައި އައިޖީއެމްއެޗުގައިވެސް ކައުންޓަރެއް ބަހައްޓަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވިއަން ހޮލިޑޭސްއިން އަންނަނީ އެއާލައިންތަކާއެެކު ގާތުން މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެއާލައިންތަކާއެކު ގާތް ގުޅުމެއް ގާއިމުކުރެވިފައި ވާކަމަށް އެ އޭޖެންސީއިން ބުނެއެވެ.

comment ކޮމެންޓް