ވެނެޒުއޭލާގެ ޕޮލިސް ސްޓޭޝަނެއްގައި ރޯވެ 68 މީހަކު މަރުވެއްޖެ

އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން ވަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައި -- ފޮޓޯ: ރޮއިޓާސް

ވެލެންސިއާ (މާޗް 29): ވެނެޒުއޭލާގެ ވެލެންސިއާގައި ހުންނަ ޕޮލިސް ސްޓޭޝަނެއްގައި ރޯވެ 68 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާ ހިނގީ ޕޮލިސް ސްޓޭޝަނުގެ ޖަލުގައި ތިބި ބަޔަކު، ޖަލުން ފިލަން ވެގެން ގޮދަޑިއެއްގައި ރޯކުރުމުންނެވެ. ޖަލުގައި ތިބި މީހުންގެ އާއިލާގެ މެމްބަރުން ބުނި ގޮތުގައި ގިނަ މީހުން މަރުވީ ދުމުގެ ސަބަބުން ނޭވާ ނުލެވިގެންނެވެ.

އަދި މަރުވި މީހުންގެ ތެރޭގައި ހައްޔަރުގައި ތިބި މީހުންނާ ބައްދަލުކުރަން ދިޔަ މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެހާދިސާ ހިނގި ފަހުން، މަރުވި މީހުންގެ އާއިލާގެ މެމްބަރުން ވަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައެވެ. އަދި ފުލުހުން ވަނީ އެމީހުން އެސަރަހައްދުން ފޮނުވާލުމަށް ކަރުނަ ގޭސް ޖަހާފައެވެ.

ވެނެޒުއޭލާގެ ފުލުހުން ބުނީ އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވެނެޒުއޭލާގެ ގިނަ ޖަލުތަކަކީ ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާ ތަންތަނެވެ.

(ބީބީސީ)

comment ކޮމެންޓް