އެމޭޒަންގެ "ބާރު ކަނޑުވާލަން" ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވުމުން ކުންފުނީގެ ހިއްސާގެ އަގު ދަށަށް

އެންމެ ބޮޑު އިންޓަނެޓް ރީޓެއިލް ކުންފުނި އެމޭޒަންގެ ސަބަބުން އެހެން ރީޓެއިލް ވިޔަފާރިތަކަށް ގެއްލުންވާކަމަށާއި، ރީޓެއިލް ވިޔަފާރީގައި އެމެޒަންގެ ބާރު ކުޑަކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއެކު، ހިއްސާގެ ބާޒާރުގައި އެމެޒަންގެ އަގު ދަށަށް ހިނގައްޖެއެވެ.

އެމޭޒަންގެ މާކެޓް ވެލިއު ފަސް ޕަސެންޓު ވެއްޓިފައިވާ ކަމަށާއި އެއާއެކު 30 ބިލިއަން ޑޮލަރުގެ ގެއްލުން އެކުންފުންޏަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް ވިދާޅުވީ އެމޭޒަންގެ ސަބަބުން ރީޓެއިލް ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށާއި އެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނީ އެންޓިޓްރަސްޓް ލޯ ގެ ދަށުން ކަމަށެވެ.

ޓްރަމްޕް އާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ބުނެފައިވާގޮތުން އެމޭޒަން އިން ޓެކްސް ނަގާ ގޮތާމެދުވެސް ޓްރަމްޕް ހިތްހަމަޖެހިވަޑައި ނުގަންނަވައެވެ. އިންޓަނެޓު މެދުވެރިކޮށް ވިޔަފާރި ކުރާ ވިޔަފާރިތަކުން އިންޓަނެޓް ޓެކްސް އެއް ނަގަން ޓްރަމްޕް ވިސްނަވާ ކަމަށް މީގެކުރިންވެސް ވަނީ ހާމަ ކުރައްވައިފައެވެ.

އެމޭޒަން އިން "މާ ވަރުގަދަ" ކަމަށް ވިދާޅުވެ ޓްރަމްޕް ދަނީ އެކަމާ ވެސް ޝަކުވާ ކުރައްވަމުންނެވެ.

އެމޭޒަންގެ ވިޔަފާރި، ޓްރަމްޕް ގުޅުވާލައްވަނީ އެކުންފުނީގެ ސީއީއޯ ޖެފް ބެޒޯސް އާއެވެ. ޖެފްގެ ހިއްސާ ވޮޝިންޓަން ޕޯސްޓުގައި އޮންނައިރު، ޓްރަމްޕް ދެކިލައްވާގޮތުގައި އެ ނޫހަކީބވެސް ހަގީގަތާ ޚިލާފު ފޭކް ވާހަކަތައް ފަތުރާ ނޫހެކެވެ.

comment ކޮމެންޓް