އިބޫގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް އޭނާ އިސްވެ ހުންނަވައި އިތުރު ބަޔަކު ގޮވައިގެން ގްރީންޒޯން ސަރަހައްދަށް ވަދެ ސަރުކާރު ވެއްޓިއްޖެކަން މީހުންނަށް ދައްކައި، އާންމު ރައްޔިތުންނަށް އޮޅުވާލައިގެން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާކޮށް ފުލުހުންނާއި ސިފައިންގެ ކޮންޓްރޯލް ގެއްލުވާލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

އިބޫ ހައްޔަރުކުރީ އެރޭ 10:45 އެހާކަންހާއިރު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

އޭނާ ދޫކޮށްލީ 12 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމާ ގުޅޭ ކުށް ހިމެނޭ މާއްދާ އެވެ.

ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާ އަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިބޫ މިއަދު ދޫކޮށްލި އިރު މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި "ހުއްޓުވާ" މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުން މިހާރު ވާނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެމްޑީޕީގެ އިސް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެސްއޯއީގެ ދަށުން ބަންދު ކުރި 32 މީހަކު އަދި ވެސް ތިބީ ބަންދުގަ އެވެ.