ޖީއެމްއާރާ އެކު މާލޭ އެއާޕޯޓު ހިންގި މެލޭޝިއާ ކުންފުނިން ހިއްސާ އަނބުރާ ނަގައިފި

ޖީއެމްއާރު މާލެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު --- ފޮޓޯ/ ހަވީރު

އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު މާލޭގެ ބައިނަލްއަގުވާމީ އެއާޕޯޓު ހިންގުމަށް ބައިވެރިވި މެލޭޝިއާގެ ކުންފުނިން އެކުންފުނީގެ ހިއްސާ އަނބުރާ ނަގައިފިއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގީ ޖީއެމްއާރާއި މެލޭޝިއާގެ މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދު (އެމްއޭއެޗްބީ) ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ، ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް)އިންނެވެ.

ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑު ރަޖިސްޓްރީކުރީ 2009 ވަނަ އަހަރުގެ އޯގަސްޓް ނުވަވަނަ ދުވަހު ރާއްޖޭގައެވެ. އެއީ 25 އަހަރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގައި، ބަލަހައްޓައި އަދި ތަރައްގީކުރުމަށެވެ.

ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑުގައި އޮތީ އިންޑިއާގެ ޖީއެމްއާރު ހޯލްޑިންގްސްގެ 77 ޕަސަންޓު ހިއްސާއާއި، މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުގެ ސަބްސިޑަރީ، މެލޭޝިއާ އެއާޕޯޓްސް ލަބުއަން ޕްރައިވެޓް ލިމިޓެޑްގެ 23 ޕަސަންޓު ހިއްސާއެވެ.

ޖީއެމްއާރު މާލެ ކުންފުންޏަށް މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސްއިން ހޭދަކުރި އިންވެސްޓްމެންޓްގެ އަގަކީ 7.3 މިލިޔަން ޑޮލަރެވެ.

މެލޭޝިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން، މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސްއިން ބުނީ ޖީއެމްއާރު މާލެ ކުންފުނީގައި އޮތް އެކުންފުނީގެ ހިއްސާ އަނބުރާ ނެގުމަށްޓަކައި މި މަހުގެ ތެރޭގައި ޝެއާ ޕާޗޭސް އެގްރިމެންޓެއް ހަދާފައި ވާކަމަށެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކު ވި ކޮންސެޝަން އެއްބަސްވުން ރާއްޖެއިން ބާތިލުކުރީ 2012 ނޮވެމްބަރު 27ގައެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހުއެވެ.

އެގްރިމެންޓް އުވާލި މައްސަލަ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަކަށް ހުށަހަޅައި، އެ ޓްރައިބިއުނަލުން ނިންމީ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް 271 މިލިޔަން ޑޮލަރު ދެއްކުމަށެވެ.

އެ ފައިސާ ރާއްޖެއިން ވަނީ 2016 ވަނަ އަހަރު އެއްފަހަރާ ދައްކާ ނިންމާފައެވެ.

comment ކޮމެންޓް