ހެޕަޓައިޓިސް ބީ ވައިރަސް ވެކްސިންގެ ފޭކު ބެޗެއް ދުނިޔޭގައި ދައުރުވާތީ، ސަމާލުވާން އެދެފި

ހެލްތު މިނިސްޓްރީ ހިމެނޭ އޮފީސް ---

ހެޕަޓައިޓިސް ބީ ވައިރަސް (އެޗްބީވީ) ވެކްސިންގެ ބެޗު ނަންބަރު ތަކުގެ ފޭކު ޕްރޮޑަކްޓެއް ދުނިޔޭގައި ދައުރުވަމުންދާތީވެ އެކަމަށް ސަމާލުވާން ހެލްތު މިނިސްޓްރީން އެދެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެޗްބީވީގެ ކައުންޓަފީޓް ޕްރޮޑަކްޓެއް ޔުގަންޑާގެ މާކެޓްގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އެލާޓް ނެރެފައިވާ ކަމަށެވެ.

ފޭކު ޕްރޮޑަކްޓެއް ދުނިޔޭގެ މާކެޓްގައި ދައުރުވާ ވެކްސިނަކީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފައްދާ ހެޕަޓައިޓިސް ބީ ވެކްސިން މަލްޓި ޑޯސް (10 އެމްއެލް) ނަމަަކަށް ކިޔާ ބޭހެކެވެ.

ހެލްތު މިނިސްޓްރީން ބުނީ، ރާއްޖެ އިމްޕޯޓް ކޮށްފައިވާ މި ވެކްސިންގެ ޕޯޓް އިންސްޕެކްޝަން އާއި ޕޯސްޓް މާކެޓް ސާވޭލަންސްގެ މައުލޫމާތަށް ބަލައި އެ ވެކްސިންގެ ބެޗު ނަންބަރު ތަކުގެ ޕޭކު ޕްރޮޑަކްޓް މިހާތަނަށް ރާއްޖެއަށް އިމްޕޯޓް ވެފައި ނުވާ ކަމަށެވެ.

"ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިމްޕޯޓްކުރާ އެޗްބީވީ ވެކްސިންއަށް ހާއްސަ ސަމާލުކަމެއް ދީގެން ބޯޑަރުގައި ބަލާ ފާސް ކުރަމުން ގެންދާނެކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ،" ހެލްތު މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އަދި އެ ވެކްސިންގެ ފޭކު ޕްރޮޑަކްޓް ހިމެނޭ ބެޗު ނަންބަރުތައް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށް ސާކިއުލާގައި އަންގައިފައިވާއިރު، އެ ވެކްސިންއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ހިއްސާ ކޮށްދުމަށް ސާކިއުލާގައި އެދިފައިވެ އެވެ.

ހެޕަޓައިޓިސް ބީ (Hepatitis B) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

އެ ބައްޔަކީ ފުރަތަމަ ދުވަސްކޮޅު ފެންނަ އަލާމާތްތަކުގެ އިތުރުން، ގިނަ ދުވަސްތަކަކަށް ދެމިގެންދާ އަދި އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށް މަގުފަހިކޮށްދޭ ވެސް ބައްޔެކެވެ. އެގޮތުން ހެޕަޓައިޓިސް ޖެހި ގިނަ ދުވަސްވުމުން ފުރަމެޔަށް ކެންސަރު ޖެހޭގޮތް ވެއެވެ.

comment ކޮމެންޓް