Last Updated: 6 year 4 week ago

އޭޝިއަން ކަޕް ކޮލިފައިން (ފުރިހަމަ ވަގުތު): ރާއްޖެ 7-0 ބޫޓާން

ބުލޮގު ޚުލާސާ

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

ގައުމީ ފުޓްބޯޅަ ދަނޑުގައި މިމެޗަށް ދެ ޓީމު ނުކުންނައިރު:

  • ދެ ޓީމަށްވެސް ވަނީ އޭޝިއަން ކަޕް ކޮލިފައިނަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައި.
  • މިމެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ދައުރު އާދަކުރަމުންދިޔަ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ފެނިގެންނެއް ނުދާނެ.
  • ދަގަނޑޭ ޓީމުން ވަކިކުރި އިރު، އަޑުބަރޭ ވަނީ މިއަދުގެ ވަގުތެއްގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި.
22:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 7-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

22:52

ބަކާ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ސިފާއު ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ބޫޓާން ޑިފެންޑަރެއްގެ ފައިގައި ޖެހިފައި. މިމެޗަކީ ރާއްޖޭގެ ގައުމީ ޖާޒީގައި ސިފާއު ކުޅޭ ފުރަތަމަ މެޗު.

22:52

\+90- ރާއްޖެއިން ހަތް ލަނޑުގެ ލީޑެއް ހޯދައިފި. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސިފާއު.

22:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

22:43

'85- ރާއްޖޭގެ ފަހު ބަދަލު. އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުﷲ ޔާމީން. ޔާމީނަކީ އުމުރުން 17 އަހަރުގެ ކުޅުންތެރިއެއް.

22:41

ދާދުގެ ހަތަރުވަނަ ލަނޑު، އޭނާ ކާމިޔާބުކުރީ އަކޫ ފޮނުވާލި ހިލޭ ޖެހުން ބޫޓާން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން.

22:40

'81- ރާއްޖޭގެ ހަވަނަ ލަނޑު ޖަހައިފި. އެ ލަނޑުވެސް ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދާދު.

22:39

އަކްރަމް ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ޖައްސާލި ބޯޅަ، ދާދު ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައި.

22:38

'79- ރާއްޖޭގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފި. އެ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދާދު. އެ ލަނޑާއެކު ދާދުގެ ހެޓްރިކް ވަނީ ފުރިހަމަވެފައި.

22:36

ދާދު އެ ލަނޑު ކާމިޔާބުކުރީ ބަކާ ދިން ބޯޅައެއް ހިފައިގެން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ފޮނުވާލި ހަމަލާއަކުން. އޭނާ ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ތިރީ ކަނަށް.

22:36

'77- ރާއްޖެއިން ހަތަރު ލަނޑުގެ ލީޑެއް ހޯދައިފި. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ދާދު.

22:34

'75- ރާއްޖޭގެ ހަމަލާއެއް. ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

22:34

ބޫޓާންގެ އިތުރު ބަދަލެއް. އެޓީމުން ކުޅެން ނުކުތީ ސަމްޕާ ޝެރިންގް.

22:32

'73- ރާއްޖެއަށް ފުރުސަތެއް. ދާދު ދިން ބޯޅައަކުން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

22:31

'72- ބޫޓާނުން ބަދަލެއް. ޑަވާ ޝެރިންގްގެ ބަދަލުގައި ކުޅެން ނުކުތީ ޕުރްނާ ކުމާރް ޕްރާދަން.

22:30
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:30

'69- ރާއްޖެއިން ބަދަލެއް. ހަމްޕުގެ ބަދަލުގައި ކުޅެން ނުކުތީ ރިހާމް އަބްދުލްޤަނީ (ބޮބީ).

22:29

އިއްބެގެ އެ ލަނޑަކީ އޭނާ ގައުމީ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު. އަދި މިއީ އޭނާ ގައުމީ ޖާޒީގައި ކުޅޭ ފުރަތަމަ މެޗު.

22:27

'69- ރާއްޖެއިން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ފޭދޫ އިއްބެ ދިން ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިއްބެ. އިއްބެ އެ ލަނޑު ކާމިޔާބުކުރި އިރު، ބޫޓާން ގޯލު ކުރިމަތީ އޭނާ ހުރީ ވަރަށް ހުސްކޮށް.

22:26

'67- ރާއްޖެއިން ބަދަލެއް. ސެންޓޭގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ).

22:25

ދާދު އެ ލަނޑު ކާމިޔާބުކުރީ ސެންޓޭ ދިން ބޯޅައެއް ހިފައިގެން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު ފޮނުވާލި ހަމަލާއަކުން. އެއީ ގައުމީ ޖާޒީގައި ދާދު ކާމިޔާބުކުރި ހަތަރުވަނަ ލަނޑު.

22:24

'65- ރާއްޖެއިން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފި. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދު.

22:21

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ބޫޓާނުން ދަނީ ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. އެގޮތުން ކައުންޓާ އެޓޭކުތަކުގައި ބޫޓާނުން ދަނީ ޗެންޗޯ ޗެލްޓްޝެން ބޭނުންކުރަމުން.

22:19

'60- ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ހަމްޕު ނުރައްކާކުރުމުގެ ކުރިން ޖިގްމޭ ޝެރިންގް ޑޯޖީ، ބޯޅަ އަތުލައިފި.

22:18

'59- ރާއްޖެއަށް ހުސް ފުރުސަތެއް. ދާދު ދިން ބޯޅައަކުން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

22:14

'55- ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ދާދު ދިން ބޯޅަ، އިއްބެއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވޭ.

22:12
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
22:08

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، އަލުން ގައުމީ ސްކޮޑުން ފުރުސަތު ދިން ބަކާއަށް ރާއްޖޭގެ ފުރަތަމަ 11އިން ވަނީ ޖާގަދީފައި.

22:06

މިރޭގެ މެޗުގައި ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ވަނީ އާ ކުޅުންތެރިންތަކަކަށް ފުރުސަތުދީފައި. އެގޮތުން އިއްބެ، ސިފާއު އަދި މުޖޭއަށް ފުރަތަމަ 11އިން ޖާގަ ދިންކަން ފާހަގަކޮށްލެވޭ.

22:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބޫޓާނުން.

22:01

މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ރާއްޖެއިން. ރާއްޖެއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ. ބޫޓާނަށް ރާއްޖޭގެ ގޯލަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

21:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

21:47

'+45- ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ސެންޓޭ ދިން ބޯޅަ، ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން އިއްބެއަށް ރަނގަޅަށް ކޮންޓްރޯލް ނުވުމުގެ ސަބަބުން އެ ބޯޅަ ވަނީ ގެއްލިފައި. އޭނާ އޭރު ހުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް.

21:45

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

21:43

'42- ބޫޓާންގެ ހާފްގެ ތެރެއިން ޗެންޗޯ ޔެލްޓްޝެންއަށް ސަމުއްޓޭ ކުރި ފައުލަކާ ގުޅިގެން ބޫޓާނަށް ހިލޭ ޖެހުމެއް.

21:39

'39- ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސެންޓޭ، ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި ރާއްޖޭގެ ކުޅުންތެރިޔަކު ނެތް.

21:35

'34- ރާއްޖެއިން ލަނޑުޖަހައި ލީޑު ހޯދައިފި. އިއްބެ ދިން ބޯޅައަކުން ރާއްޖެއަށް ލީޑު ހޯދައިދިނީ ހަމްޕު. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން. އެ ލަނޑަކީ ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީގައި ހަމްޕު ކާމިޔާބުކުރި ދެވަނަ ލަނޑު.

21:32 އަޙްމަދު މުޖްތަބާ

މެޗުގައި ބޫޓާނުން މަސައްކަތްކުރަމުންދަނީ ބޮޑު ބޯޅައެއް ލައިގެން، ރާއްޖޭގެ ގޯލަށް ނުރައްކާކުރެވޭތޯ. ނަމަވެސް އެ މަސައްކަތް ބޫޓާނަށް އަދި ކާމިޔާބުވާގޮތެއް ނުވޭ.

21:29 އަލީ ރިފްޝާން

ގައުމީ ޓީމުގެ މެޗުތަކަށް އާންމުގޮތެއްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނަތަން ފެނިގެންދިޔަ ނަމަވެސް، މިރޭގެ މެޗުގައި ފެނިގެންދަނީ ވަރަށް މަދު އަދަދެއްގެ ސަޕޯޓަރުން.

21:26 މުޙައްމަދު ޝަމްޢޫން ގައުމީ ފުޓްބޯޅަ ދަނޑު

މެޗުގެ ފުރަތަމަ 25 މިނެޓުގެ ކުޅުން ނިމުނުއިރު، ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ރާއްޖެއިން. ރާއްޖެއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ބޫޓާނަށް ރާއްޖޭގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ.

21:25

'25- ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބަކާ ފޮނުވާލި ބާރު ހަމަލާ، ބޫޓާންގެ ކުޅުންތެރިއެއް ފައިގައި ޖެހި ވަނީ ބްލޮކްވެފައި.

21:15

'15- ރާއްޖެއަށް ހުސް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އިއްބެ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

21:11

ސެންޓޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

21:10

'9- ރާއްޖެއަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ޑިފެންޑަރަކު ދާދުއަށް ކުރި ފައުލަކާ ގުޅިގެން.

21:09

'8- ރާއްޖޭގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ދާދު ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ވަނީ މަތަކޮށްފައި.

21:06

'6- ރާއްޖެއަށް ރަނގަޅު ފުރުސަތެއް. އިއްބެ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބާރު ހަމަލާ، ބޫޓާންގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައި.

21:03

މެޗުގެ ކުޅުން ފަށައިފި.

21:00

ބޫޓާންގެ ފުރަތަމަ 11:

  • ހަރީ ގުރުންޖް - ގޯލްކީޕަރު
  • މަން ބަހާދުރް ގުރުންޖް
  • ޖިގްމޭ ޝެރިންގް
  • ޗެންޗޯ
  • ޗެންޗޯ ޔެލްޓްޝެން
  • ކަރްމާ ޝެޑްރުޕް ޝެރިންގް - ކެޕްޓަން
  • އޯރްޖިޔެން ވަންގްޗުކް ޝެރިންގް
  • ޑަވާ ޝެރިންގް
  • ނިމާ ވަންގްޑީ
  • ކެންޗޯ ޓޮބްގޭ
  • ލެންޑުޕް ޑޯޖީ
21:00

ރާއްޖޭގެ ފުރަތަމަ 11:

  • މުހައްމަދު ފައިސަލް - ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހަސަން ސިފާއު ޔޫސުފް
  • މުހައްމަދު އިރުފާން (އިރޭ)
  • މުހައްމަދު އާރިފް (ބަކާ)
  • އަލީ ފާސިރު (ސެންޓޭ)
  • ހަސަން ނާއިޒް (ދާދު)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަކްރަމް އަބްދުލްޤަނީ (އަކޫ) - ކެޕްޓަން
  • މުޖްތާޒް މުހައްމަދު (މުޖޭ)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)