ވިލި މުއައްސަސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި "ސަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ސަން ސްޓޫޑިއޯގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ފުޓްސަލް ކަޕް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މިއަހަރުވެސް "ސަން" މީޑިއާ ގްރޫޕް ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި "ސަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ސަން ސްޓޫޑިއޯގައި ބޭއްވި ހަފްލާގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު ވިޝާހު އަބްދުލް ލަތީފެވެ.

ސަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި "ސަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ސަން ސްޓޫޑިއޯގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިންތިޒާމްކުރާ ފަރާތުން މުބާރާތުގެ ކޮމިޓީ މެމްބަރު އަދި ވިލިމާލޭ ފެރީ ޔުނިޓުން ކްލަބު އެމްޓީސީސީއަށް ކަނޑައަޅާފައި ހުންނަ ރެޕްރެސެންޓޭޓިވް ފާތިމަތު ރިޝްފާ ވިދާޅުވީ މިދިޔަ އަހަރުވެސް ވިލި މުއައްސަސާ ކަޕް ކަވަރު ކުރުމުގައި ސަން ސްޕޯޓްސްއިން ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަށެވެ.

ރިޝްފާ އިތުރަށް ވިދާޅުވީ މިއަހަރުވެސް ސަން ސްޕޯޓްސްއިން މުބާރާތް ވަރަށް ރަނގަޅަށް ކަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިންތިޒާމްކުރާ ފަރާތުން މުބާރާތުގެ ކޮމިޓީ މެމްބަރު އަދި ވިލިމާލޭ ފެރީ ޔުނިޓުން ކްލަބު އެމްޓީސީސީއަށް ކަނޑައަޅާފައި ހުންނަ ރެޕްރެސެންޓޭޓިވް ފާތިމަތު ރިޝްފާ ސަންއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ސިމާއު

މިއަދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން "ސަން"ގެ މެނޭޖިން އެޑިޓަރު އަހުމަދު މުޖުތަބާ ވިދާޅުވީ ކުރީ އަހަރެކޭވެސް އެއްގޮތަށް، މިއަހަރުވެސް ވިލި މުއައްސަސާ ކަޕްގެ އެންމެފަހުގެ ހަބަރުތައް ސަންގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.

comment ކޮމެންޓް