މަރުގެ ދިޔަ ބޭނުން ނޫންކަމަށް އިބްތިހާލުގެ މާމަ ބުނެފި

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް --

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލުގެ މަރުދިޔަ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ އަތުން ބޭނުން ނުވާ ކަމަށް މާމަ ޝާފިއާ މުހައްމަދު މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

އިބްތިހާލު މަރާލި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާފިޔާގެ މަންމަ ޝާފިއާ ހާޒިރުކޮށްފައިވަނީ މަރުގެ ދިޔަ ބޭނުންވޭތޯ ސާފު ކުރުމަށެވެ. އޭނާ ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. މަރުގެ ދިޔައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭނެ ކަން ގާޒީ ޝާފިއާއަށް ސާފުކޮށް ދެއްވި އެވެ. އަދި ބޭނުން ނުވޭތޯ ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. އޭނާ ބުނީ " އެވެސް ބޭނުން ނޫން" ކަމަށެވެ.

އިބްތިހާލުގެ އިތުރު ވާރިސުން ތިބިތޯ ގާޒީ ޝާފިއާ ސުވާލު ކުރި އެވެ. އޭނާ ބުނީ އިތުރު ވާރިސުން ތިބޭކަން ނޭނގޭ ކަމަށެވެ. އާފިޔާގެ އިތުރު ދެ ކުދިން ތިބޭ ކަމަށް ބުންޏެވެ. އެހެންނަމަވެސް ކުދިންނަށް ކިޔަނީ ކޮން ނަމެއްކަން ޝާފިއާއަކަށް ނޭނގުނެވެ. ކުދިންގެ އުމުރުވެސް ސީދާ، ކޮން އުމުރެއްކަން ބުނާކަށް ނޭނގުނެވެ.

ކުދިންނާ ބެހޭ މައުމޫލޫމާތު އެނގޭ ފަރާތެއް އެނގޭތޯ ގާޒީ އެހުމުން ޝާފިއާ ބުނީ ވ. ރަކީދޫ ކައުންސިލަށް އެނގޭނެ ކަަމަށެެވެ. އަދި ރަކީދޫ ތިން މީހެއްގެ ނަންވެސް ޝާފިއާ ވަނީ ދީފައެވެ.

އިބްތިހާލުގެ މައްސަލައަކީ ވާރިސުންގެ ބަސް ބޭނުންވާނެ މައްސަލައެއް ނޫން ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފައެވެ. ދައުލަތުން ބުނީ އެމައްސަލައަކީ މަރަށް މަރު ހިފޭނެ މައްސަަލައެއް ނޫން ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގައި މަންމައަކު ނުވަތަ ބައްޕައަކު ދަރިފުޅު މަރާލާ ހާލަތުގައި މަރަށް މަރު ނުހިފޭނެ ކަމަށް ބުނެފައިވާތީ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ މަރަށް މަރު ނުހިފުނު ނަމަވެސް މަރުގެ ދިޔަ ލިބިގަތުމަކީވެސް ވާރިސުންނަށް އޮންނަ ހައްގެ ކަމަށާއި އެހެން ކަމުން ޝާފިއާގެ ބަސް ނަގަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ޝަރީއަތުގެ މަޖިލީހުގެ އެއްބަސްވެފައެވެ.

comment ކޮމެންޓް