ފެބްރުއަރީ މަހު އިމްޕޯޓު ޑިއުޓީއަށް ލިބުނީ 257 މިލިޔަން ރުފިޔާ

ކޮންޓެއިނަރު އުފުލާ ބޯޓެއް މާލެ ވިޔަފާރި ބަނދަރާ ދިމާލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 257 މިލިޔަން ރުފިޔާ ލިބިއްޖެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 20 ޕަސަންޓު ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 323 މިލިޔަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރާ ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ޑިއުޓީ ދަށްވެފައި ވަނީ، މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ބޮންޑެޑް ވެއާހައުސްތަކުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު އެމަހުގެ ތެރޭގައި ކްލިއާ ކުރުމާ ގުޅިގެން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް 3.85 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ އިރު، އެންމެ ބޮޑެތި ވިޔަފާރިތައް ކޮށްފައި ވަނީ ސިންގަޕޫރު، މެލޭޝިއާ އަދި ޗައިނާއާ އެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ކުރި އެކްސްޕޯޓު ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީއާ އަޅާ ބަލާއިރު 20 ޕަސަންޓު ދަށްވެފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކުރީ 240 މިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެ އިން އެންމެ ގިނަ މުދާ އެކްސްޕޯޓުކުރީ ތައިލެންޑަށެވެ. ތައިލެންޑަށް 119 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައި ވަނީ ގަނޑުކުރި ކަޅުބިލަމަހެވެ.

comment ކޮމެންޓް