އިބޫގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އިބޫގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އިބޫގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް އޭނާ އިސްވެ ހުންނަވައި އިތުރު ބަޔަކު ގޮވައިގެން ގްރީންޒޯން ސަރަހައްދަށް ވަދެ ސަރުކާރު ވެއްޓިއްޖެކަން މީހުންނަށް ދައްކައި، އާންމު ރައްޔިތުންނަށް އޮޅުވާލައިގެން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާކޮށް ފުލުހުންނާއި ސިފައިންގެ ކޮންޓްރޯލް ގެއްލުވާލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

އިބޫ ހައްޔަރުކުރީ އެރޭ 10:45 އެހައިކަންހާއިރު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމާ ގުޅޭ ކުށް ހިމެނޭ މާއްދާ އެވެ.

ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާ އަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި "ހުއްޓުވާ" މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުން މިހާރު ވާނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް