ނާޒިމް ނެންގެވި ލޯނަކަށް 1.9 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ---- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މޮރިސަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނެންގެވި 1.5 މިލިއަން ރުފިޔާގެ ލޯނަކަށް އިންޓަރަސްޓާ އެކު 1.9 މިލިއަން ރުފިޔާ ދައްކަން އެނާގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދި ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާ ނާޒިމްގެ މައްޗަށް މި ހުކުމް އައިސްފައި ވަނީ 2012 ވަނަ އަހަރު އޭނާ ނެންގެވި ލޯނަކާ ގުޅިގެންނެވެ.

މޮރީޝަން ބޭންކުން ނާޒިމް ނަންގަވާފައި ވަނީ 1.5 މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓާ އެކު ފެބްރުއަރީ މަހުގެ ނިޔަލަށް 1.9 މިލިއަން ރުފިޔާ އަރަ އެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ނާޒިމާއި އެމްސީބީ އާ ދެމެދު އެއްބަސްވެފައިވާ ގޮތަށް މި މަސް ނިމުމުގެ ކުރިން 440،000 ރުފިޔާ ދެއްކުމަށެވެ. އަދި ބާކީ ފައިސާ އަންނަ މަހުން ފެށިގެން ނުވަ މަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

މިމަހުގެ 25ގައި ކޮށްފައިވާ އެ ހުކުމްގައި ބުނީ އެ ލޯނަށް މޮރިޝަސް ބޭންކުގައި ރަހުނު ކޮށްފައިވާ މުދަލާ ގުޅިގެން ރަހުނު ސާބިތުކޮށް، އެ ރަހުނުގެ މައްޗަށް އޮތް އެމްސީބީގެ ހައްގުތައް ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަމުގެ ހުއްދައަށް އެދި ވަކިން މައްސަލަ ހުށަހެޅުމުގެ ހައްގު އެމްސީބީއަށް އޮންނާނެ ކަމަށެވެ.

ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރު އެވެ. އެއީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެގެންނެވެ. ނާޒިމްގެ މައްޗަށް ކުރާ އިތުރު ދައުވާތަކެއްގެ މައްސަލަ ވެސް ސުޕްރީމު ކޯޓުގައި އެބަ އޮތެވެ.

ސިންގަޕޫރަށް ބޭސްފަރުވާ އށް ނާޒިމް ވަޑައިގަތްފަހުން ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

comment ކޮމެންޓް