ފޭސްބުކްގެ މައްސަލަ އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ބަލަނީ

ފޭސްބުކްގެ ޕްރައިވެސީ މައްސަލަތަކެއް ރަސްމީކޮށް ބަލަމުންދާކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.

ދަ ޓްރޭޑް ފެޑެރަލް ކޮމިޝަނުން މިކަން ޔަގީންކޮށްދީފައިވާއިރު، އެ ކޮމިޝަނުން ބުނީ ފޭސްބުކްގެ ޕްރައިވެސީ އާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ތަނުން ބަލަމުން ގެންދާ ކަމަށެވެ.

ފޭސްބުކް އަށް ކުރެވޭ ތުހުމަތު ތަކާއެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ފަސް ޕަސެންޓު ދަށަށް ގޮސްފައެވެ. އެ ކުންފުނީގެ ހިއްސާގެ އަގު މިހާރު ހުރީ 150 ޑޮލަރަށް ވުރެ ދަށުގައެވެ. މިއީ 2012 ޖުލައި އަށް ފަހު ފޭސްބުކްގެ ހިއްސާގެ އަގު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފޭސްބުކްގެ މައްޗަށް ތުހުމަތުތައް ކުރެވެން ފެށީ ޔޫޒަރުންގެ ހުއްދަ އަކާ ނުލައި، އެމީހުންގެ މައުލޫމާތު ތިންވަނަ ފަރާތްތަކަށް ފޯރުކޮށްދޭކަން ފަޅާ އެރުމުންނެވެ. އެގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ގުޅުން އޮތް ޑާޓާ ފާމް އަކަށް ފޭސްބުކްގެ 50 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންގެ މައުލޫމާތު ފޯރުކޮށްދިންކަން ވަނީ ފަޅާ އަރައިފައެވެ.

ފޭސްބުކްގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެކުންފުންޏަށް ތުހުމަތު ކުރެވޭ ކަންތައް ސާބިތު ވެއްޖެނަމަ ކުންފުންޏަށް ބޮޑު ޖޫރިމަނާއެއް ކުރިމަތިވާނެއެވެ.

comment ކޮމެންޓް