އެމެރިކާ ޑޮލަރާ ވާދައަށް ޗައިނާއިން "ޕެޓްރޯ ޔުއާން" ބޭނުންކުރަން ފަށައިފި

ތެލުގެ މުއާމަލާތްތްކުރުމުގައި އެމެރިކާ ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި ޗައިނާ އިން އެ ގައުމުގެ "ޕެޓްރޯ ޔުއާން" ބޭނުން ކުރަން މިއަދު ފަށައިފި އެވެ.

ޗައިނާ އިން ޕެޓްރޯ ޔުއާން ތައާރަފްކުރީ ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި ޗައިނާ އިން އެ ގައުމުގެ ފައިސާ، "ޗައިނީސް ޔުއާން" ބޭނުންކުރަން ފެށުމަށް ކުރަން ޖެހޭ ޓެސްޓުތައް ކުރުމުގެ ގޮތުން ކުރި ފަސް ވަނަ ޓެސްޓުތައް ކާމިޔާބު ކަމާއެކީ މިދިޔަ ޑިސެމްބަރު މަހު ނިންމާލުމަށް ފަހު އެވެ.

މުރާސިލުން ބުނާ ގޮތުގައި ޗައިނާގެ އެ ފިޔަވަޅުގެ ސަބަބުން ތެލުގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރަށް މުޅި ދުނިޔެ އިން ބަރޯސާވެގެން އޮތް އޮތުން ނިމުމަކަށް އަންނާނެ އެވެ.

ޗައިނާ އިން ޔުއާން ބޭނުންކުރަން ފެށުމާ އެކު ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. އެގޮތުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ 71 އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. ނަމަވެސް ފަހުން އެ އަގު ވަނީ 70 ޑޮލަރަށް ވެއްޓިފަ އެވެ. މިއީ 2015 އިގެ ފަހުން ތެލުގެ އަގު އެހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރިސާޗަރެއް ކަމަށްވާ ސުޝާންތު ގުޕްތާ ވިދާޅުވީ 2017 އިން ފެށިގެން މުޅި ދުނިޔެ އިން ވެސް އެންމެ ގިނައިން ތެޔޮ އިމްޕޯޓް ކުރަނީ ޗައިނާ އިން ކަމަށާއި އެހެންކަމުން ޗައިނާ އިން ތެލުގެ އަގު ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރަން ބޭނުންވާ ކަމަށެވެ.

ތެލުގެ މުއާމަލާތްތަކުގައި ޔުއާން ބޭނުންކުރަން ފަށައިފި ނަމަ ރަޝިއާ، އިރާން އަދި ވެނެޒުއޭލާ އަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ލުޔެއް ލިބިގެން ދާނެ އެވެ. އެގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރުމުގެ ބަދަލުގައި އެ ގައުމުތަކަށް ޔުއާން ބޭނުންކުރެވޭނެ އެވެ.

ވެނެޒުއޭލާ އިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ޔޫރޯ ބޭނުންކުރަން ފަށައިފަ އެވެ. އެކަމާ ގުޅިގެން އެމެރިކާ އިން ވަނީ ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

މަސްދަރު: އާރުޓީ

comment ކޮމެންޓް