އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު ބޮޑުކުރަންޖެހޭ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ----ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ މަތީ މަގާމުތަކާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ސްރީލަންކާގެ "ސިލޯން ޓުޑޭ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ދުންޔާ މައުމޫން ވިދާޅުވީ ރާއްޖޭގައި އަންހެނުން މަތީ މަގާމުތައް އަދާކުރުމަށް ގާނޫނީ އަދި ދީނީ ގޮތުންވެސް އެއްވެސް ހުރަހެއް ހަގީގަތުގައި ނެތް ކަމަށެވެ.

އަދި ސިޔާސީ މައިދާނާއި ސިވިލް ސާވިސްގައިގައި އަންހެނުންގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދިވެހި އަންހެނުން ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި. ގްރާސްރޫޓު ލެވެލްގައި އެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. ސިވިލް ސާވިސްގައިވެސް ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވޭ،" ދުންޔާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު ވަރަށް މަދުކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނުއަސާސީ ތަސްދީގުކުރުމުގެ މަސައްކަތް ކުރަމުން އައި ދުވަސްވަރު އަންހެނުންނަށް ކޯޓާއެއް ދޭ މާއްދާއެއް ހުށަހެޅުނު ކަމަށެވެ. އެހެން ނަމަވެސް އެ މާއްދާ ފާސް ނުވިކަމަށް ދުންޔާ ވިދާޅުވިއެވެ.

"ސިޔާސީ މައިދާނުގައި ބަހުގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވާނެ. އެގޮތުން ޒާތީ ދިރިއުޅުމަށް ފާޅުގައި ފާޑުކިޔުން ފަދަ ކަންކަން ވަރަށް އާންމުވާނެ. އަޅުގަނޑަށް ހީވަނީ މިފަދަ ކަންކަމާ ހުރެ ހެން އަންހެނުން އެހާ ގިނައިން އިސް މަގާމުތަކުން ނުފެންނަނީ. އެކަމަކުވެސް ސަރުކާރާއި އަދި އިދިކޮޅުންވެސް، މަދުމަދުން ނަމަވެސް އިސް މަގާމުތަކުން އަންހެނުން ފެނޭ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު މިއަށް ވުރެ ބޮޑުވާންޖެހޭ ކަމަށެވެ. އެގޮތުން ސުލްހަ ގާއިމުކުރުމާއި، ހަމަނުޖެހުން ނައްތާލުން ފަދަ ކަންކަމާ އަންހެނުންނަށް ކުރިމަތިލައި، މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ވިދާޅުވިއެވެ.

"ގާނޫނީ ނުކުތާތައް ނަގައިގެން ތާ އަބަދަށް ބަހުސް ކުރެވިދާނެ. އެކަމަކު އެންމެ ފަހު ވަގުތު މުހިންމީ ކުރިއަރައި ދިއުމަށްޓަކައި ވާހަކަ ދައްކައި، މަޝްވަރާކުރުމުގެ ގާބިލިއްޔަތުކަން ހުރުން،" ލަންކާގެ ނޫހަށް ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް