ސައިބީރިއާގެ ޝޮޕިން ސެންޓަރެއްގައި ރޯވެ 37 މީހަކު މަރުވެއްޖެ

ސައިބީރިއާގެ ވިންޓާ ޗެރީ ކޮމްޕްލެކްސްގައި ރޯވެފައި -- ފޮޓޯ: އޭއެފްޕީ

ކެމެރޯވާ (މާޗް 26): ރަޝިއާގެ ސައިބީރިއާގެ ޝޮޕިންގް ސެންޓަރެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 37 މީހަކު މަރުވެއްޖެއެވެ.

ކެމެރޯވާ ސިޓީގައި ހުންނަ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ވަނީ އެހާދިސާގައި 64 މީހަކަށް ވީގޮތެއް އެނގިފައި ނުވާ ކަމަށާއި އޭގެ ތެރޭގައި 41 ކުޑަކުއްޖަކު ހިމެނޭ ކަމަށް ބުނެފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަލިފާންގަނޑު ރޯވީ "ވިންޓާ ޗެރީ ކޮމްޕްލެކްސް" ކިޔާ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރި ސަބަބު އަދި ޔަގީންވެފައެއް ނުވެއެވެ.

އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 660 އެއްހާ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިއާގެ އިންޓަފެކްސް ނޫސް އޭޖެންސީން ބުނީ، އިމާރާތުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އެމަޖެންސީ ހިދުމަތްދޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އިމާރާތަށް ލިބުނު ގެއްލުމުގެ ސަބަބުން ވެއްޓުމުގެ ނުރައްކާ އޮތް ކަމަށެވެ.

ވިންޓާ ޗެރީ ކޮމްޕްލެކްސްއަކީ ސިނަމާއަކާއި ރެސްޓޯރެންޓުތަކާއި ހައިވާނު ބަގީޗާއެއްވެސް ހިމެނޭ ޝޮޕިން ކޮމްޕްލެކްސްއެކެވެ.

(ބީބީސީ)

comment ކޮމެންޓް