6000 ފުލެޓް ދޭނެ ކެޓަގަރީތައް ކަނޑައަޅައި، ދެ ހަފްތާ ތެރޭގައި ފުރުސަތު ހުޅުވާލަނީ

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުންދާ 6000 ހައުސިން ޔުނިޓް ދޭނެ ކެޓަގަރީތަކެއް ކަނޑައަޅައި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ދާއިރާތައް އިއުލާން ކުރެއްވި ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރަށްވެހިކަމުގައި އުޅޭ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފުލެޓް ދޭން ނިންމި 7000 ހައުސިން ޔުނިޓްގެ ތެރެއިން ބާކީ ހުރި ފުލެޓްތަކެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސޯޝަލް ހައުސިން ޔުނިޓްތައް ދޭނެ 11 ދާއިރާއެއް ހައުސިން މިނިސްޓަރު ވަނީ މިއަދު އިއުލާން ކުރައްވައިފައެވެ. އެ ފުލެޓްތައް ދޭނެ ދާއިރާތަކަކީ:

  • 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް
  • މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް
  • ޓީޗަރުންނަށް 625 ފުލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް
  • ފުލުހުންނަށް 300 ފުލެޓް
  • ސިފައިންނަށް 300 ފުލެޓް
  • މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ހާއްސަ 256 ފުލެޓް

މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފުލެޓް ނުލިބުނު ފަރާތްތަކަށާއި ގާކޮށި އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް ފަރާތްތައް ހިމެނޭ ގޮތަށް 300 ފުލެޓް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މިއަދު ދާއިރާތައް އިއުލާންކުރި ފުލެޓްތަކަށް ކުރިމަތިލާން ގިނަ ވެގެން ދެ ހަފްތާ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިއަހަރުގެ އޯގަސްޓް މަހުގެ ކުރިން ފުލެޓް ލިބުނުކަން ކަނޑައަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް