"އެޑިޓަރުންގެ މާއްދާ"އަށް އަމަލުކުރުން ފަސްކޮށް، ޑިގްރީ ފެންވަރަށް ކިޔަވައިދެނީ

މިއަދު ހޯމް މިނިސްޓަރު އެމްއެމްސީގެ މެންބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެމްސީ

މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ އެޑިޓަރުންނާ ގުޅޭ މާއްދާއަށް އަމަލު ކުރުން ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ އެޑިޓަރުންނަކީ ނޫސްވެރިކަމުގެ ޑިގްރީ އަކާއެކު ފަސް އަހަރުގެ ތަޖުރިބާ ހުރި ބަޔަކަށް ވާންޖެހޭނެކަމަށް ބުނެފައިވާ މާއްދާއަށް އަމަލުކުރުން ފަސްކޮށް މިހާރު ތިބި އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކޯސް އެކުލަވާލެވުނުހާ އަވަހަކަށް ކޯހަށް އެދެން ހުޅުވާލާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިގޮތަށް ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި މިހާރު ނޫސްމަޖައްލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ އެދުމުގެ މަތިންކަމަށް ހޯމް މިނިސްޓްރީ ގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން އެ ގަވައިދަށް އިއުލާނު ކުރަން ފަށަން ނިންމާފައި އޮތީ ގަވައިދު އާންމުކުރާތާ އެއް މަސް ފަހުންނެވެ. ފަހުން އެއަށް އަމަލުކުރުން އެއް މަހަށް ފަސްކުރިއެވެ.

ނޫސް މަޖައްލާއާ މިނޫންވެސް ތަކެތި ރަޖިސްޓްރީކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށްފަހު ހޯމް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ގަވައިދުގައި ބުނެފައިވަނީ ނޫސްމަޖައްލާތަކުގެ ކޮންޓެންޓް ބެލެހެއްޓުމަށް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެޑިޓަރެއް ހުންނަންޖެހޭނެ ކަމަށާއި، އެޑިޓަރަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިރުކުރާ ނޫހެއްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް