މާފަންނު ހުޅަނގުން 256 ގޭބީސީ އަކަށް ފްލެޓް ދޭން ނިންމައިފި

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާފަންނު ހުޅަނގަށް ނިސްބަތްވާ 256 ގޭބީސީއަކަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަޅާ 7000 ހައުސިން ޔުނިޓްގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ނިންމާފައިވާ 1000 ޔުނިޓުގެ އިތުރަށް ހުރި 6000 ހައުސިން ޔުނިޓު ދޭން ހަމަޖެހިފައިވާ ކެޓަގަރީތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާފަންނު ހުޅަނގުގައި ދިރިއުޅޭ ބައެއް ރައްޔިތުންނަކީ ވަރަށް ދަތިކޮށް އުޅޭ މީހުން ކަމަށާއި މާލޭ ބްލޮކް ރީ ޑިވެލޮޕްމެންތުގެ ދަށުން އެ ސަރަހައްދުގެ ކޮންމެ ގޭބީސީ އަކަށް ފްލެޓެއްދީ އެތަން އަލުން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

ފްލެޓު ދޭނީ އެ ގޯތިތައް ހުސްކުރާ ގޮތަށް ކަމަށާއި އެ ނިންމުން ނިންމީ ވަރަށް ތަފްސީލީ ސާވޭއެއް ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް ނިކަމެތިގޮތަކަށް އުޅޭ ރައްޔިތުންތަކެއް އުޅޭ ދިމާލެއް އޮންނާނެ. ވަރަށް ގިނަ މީހުން ކުދިކުދި ތަންކޮޅު ކޮޅުގައި އުޅޭ ގޭބީސީތަކެއް އޮންނަ ބްލޮކެއް އޮންނާނެ ހުޅަނގު ކޮޅުގަ،"

މިނިސްޓަރު ވިދާޅުވީ އެސަރަހައްދުގެ ރައްޔިތުންނަކީ މީގެ ކުރިން ހުޅުވާލި އެއްވެސް ހައުސިން ސްކީމެއްގެ ދަށުން ޝަރުތު ހަމަނުވެ، ފްލެޓަށް ކުރިމަތި ނުލެވޭ ފަރާތްތައް ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާފަންނުން ހުސްކުރާ ގެތައް ހުރި ސަރަހައްދުތައް ތަރައްގީކޮށް ޕާކުތަކާއެކު ތަނަވަސް އިމާރާތްތަކެއް ހެދޭނެ ކަމަށެވެ.

ސޯޝަލް ހައުސިންގެ 6000 ފްލެޓުގެ ތެރެއިން ޒުވާނުންނަށާއި މާލޭގެ ރައްޔިތުންނަށް ގިނަ ފްލެޓުތަކެއް ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ ޒުވާނުންގެ ތެރެއިން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނަށް 1000 ފްލެޓު، ދަފުތަރު ނުހިމަނާ މާލޭގެ ރަށްވެހިންނަށް 1000 ފްލެޓު، ދަފުތަރުގައި ތިބި މީހުންނަށް 1044 ފްލެޓު، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓު، ޓީޗަރުންނަށް 625 ފްލެޓު، އެކަނިވެރި މައިންނަށާއި ބަފައިންނަށް 500 ފްލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އާއިލާތަކަށް 200 ފްލެޓު ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ގުޅީފަޅުން ފްލެޓު ގަތް ފަރާތްތަކަށާއި ޓާޓާ ފްލެޓުތަކަށް ޝަރުތު ހަމަވީ މީހުންގެ ތެރެއިން ފައިސާގެ ކަންތައް ހަމަނުޖެއްސޭ މީހުންނަށް ވެސް ފްލެޓުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފަރާތްތަކަށް ދޭން ކަނޑައަޅާފައިވަނީ 300 ފްލެޓެވެ. ނަމަވެސް މި އަދަދު އެއަށްވުރެ މަދު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ހުޅުވާލާނެ ކަމަށާއި ފްލެޓުތައް ނިމެންވާއިރަށް ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި، ފްލެޓު ލިބުނު ކަމުގެ ލިޔުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ކުރިން ލިޔުން ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް