ސްކޫލްކުދިންގެ ދެވަނަ ޤުރުއާން މުބާރާތް، 443 ދަރިވަރުންނާ އެކު ފަށައިފި

މީގެ ކުރިން ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސްކޫލްކުދިންގެ ޤުރުއާން މުބާރާތް 443 ދަރިވަރުންނާ އެކު އިއްޔެފަށައިފި އެވެ.

މިއީ ތަޖުވީދު ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރުދިނުމާއި ގާރީންނާއި ހާފިޒުން އުފެއްދައި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ދަރިވަރުން އުފެއްދުމުގެ މަގްސަދުގައި ފެށި އެ މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ބާއްވާ އެ މުބާރާތް އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ކިޔެވުން އޮންނާނީ އަރަބިއްޔާ ސްކޫލުގެ ހޯލުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ މުބާރާތުގައި ތަފާތު 73 ސްކޫލަކުން 443 ދަރިވަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 269 އަންހެން ދަރިވަރުންނާއި 174 ފިރިހެން ދަރިވަރުންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އަދަދަކީ 298 އެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް މައިގަނޑު ތިން ބައެއްގައި ދަރިވަރުން ބައިވެރިވާ ކަމަށެވެ. އެގޮތުން ހިތުން ކިޔެވުމުގެ ބައިގައި 219 ދަރިވަރުން ބައިވެރިވި އިރު ފޮތުން ކިޔެވުމުގެ ބައިގައި ވެސް 2019 ވަނީ ބައިވެރިވެފަ އެވެ.

އަދި ހާޒިފުންގެ ބައިގައި މި އަހަރު ފަސް ދަރިވަރުން ބައިވެރިވެ އެވެ.

ސްކޫލް ކުދިންގެ ޤުރުއާން މުބާރާތުގެ ބައިތައް ބަހާލެވިފައި ވަނީ އަންހެން އަދި ފިރިހެން ދަރިވަރުން ވެސް ހިތުން ކިޔެވުމުގެ ބައިގައި ދެ ފޮތުންނާއި ހަތަރު ފޮތުންނާއި ހަ ފޮތުން ބައިވެރިވެވޭ ގޮތަށެވެ. އަދި ފޮތުން ކިޔެވުމުގެ ބައިގައި ފަސް ފޮތުންނާއި 10 ފޮތުންނާއި 15 ފޮތުން ބައިވެރިވެވޭނެ އެވެ.

comment ކޮމެންޓް