ވީއައިއޭގެ އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅާފައިފި

ވީއައިއޭގެ އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅާފައިފި -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅައިފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މި މަހުގެ 14 ވަނަ ދުވަހު ތާރު އަޅަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގައި މިހާރު 600 މީޓަރަށް ތާރު އަޅާފައިވާ ކަމަށެވެ.

ވީއައިއޭ ގެ އައު ރަންވޭ އަކީ، ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ހަދަމުންގެންދާ ރަން ވޭއެކެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އެ ރަންވޭގައި ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި ބޯޑު ފަހަރު ކަމަށްވާ " އޭ 380"ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

comment ކޮމެންޓް