އަމްޖޭގެ "ރޭވުމުން" ޕްރިމިއަރކޮށްފި

އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ބިރުވެރި ފިލްމު "ރޭވުމުން" ވަނީ ރޭ އޮލިމްޕަހުގައި ޕްރިމިއަރކޮށްފައި-- ފޭސްބުކް ފޮޓޯ: ރޭވުމުން

ބިރުވެރި ފިލްމުތައް އުފެއްދުމަށް، ދިވެހީންގެ ތެރޭގައި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ "ރޭވުމުން" ރޭ އޮލިމްޕަހުގައި ޕްރިމިއަރކޮށްފިއެވެ.

އަމްޖޭގެ ފިލްމީ ހަޔާތުގައި އޭނާ ތައްޔާރުކުރި 52 ވަނަ ފިލްމު "ރޭވުމުން"ގެ ފުރަތަމަ ޝޯ އޮލިމްޕަހުގައި ޕްރިމިއަރކޮށްދެއްވީ، މިއުޒިކާއި ޕާރފޮމިިންގ އާޓްސްއަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހީމް ވަހީދު (އޮގަރު ވަހީދު)އެވެ.

"ސަނދުރަވިރޭ" އާއި "އުދަބާނި" ފަދަ ފިލްމުތަކުން، ދިވެހި އޯޑިއަންސްގެ މަގުބޫލުކަން ހޯދި ތަޖްރިބާކާރު ޑައިރެކްޓަރުގެ "ރޭވުމުން" އަކީ، މުޖްތަމައުގެ ތެރޭގައި ހުރި ވަރަށް ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ބަލާލާފައިވާ ފިލްމެކެވެ.

ގެވެށި އަނިޔާއާއި، ޖިންސީގޯނާ، ކައިވެނިން ބޭރުގައި ގުޅުންހިންގުމާއި، ދުނިޔަވީ ދަހިވެތިކަމުގައި ސިހުރު ފަންޑިތަ ހަދައި، އެންމެ ފަހުން އޭގެ ކޮންޓްރޯލް ގެއްލި ބިރުވެރި ކަންތައްތަކެއް ފެނިގެންދާ މިފިލްމާ ދޭތެރޭ، ބައެއް ބެލުންތެރީން ބުނީ، މިއީ ހަމަ ބަލާލަން ރަނގަޅު ފިލްމެއް ކަމަށެވެ. އަދި "ބައެއް ފަހަރު ހީބިހިނަގައިގެންދާ ފަދަ މަންޒަރުތައްވެސް އެބަހުރި،" ކަން ބައެއް ބެލުންތެރީން ފާހަގަކުރިއެވެ.

"ރޭވުމުން"ގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކު، އަހްމަދު ޝާޒް (ތަޖޫބެ)، ހަސަން މަނިކު، ފައުޒިއްޔާ، ޝަކީލާ އަދި މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވާ ބަތަލާ ނާޖިހާ ޢަޒޫރު (ނާ) އެވެ.

ބައެއް ބެލުންތެރީން، މި ފިލްމު ސިފަކުރީ ބިރުވެރި ކޮމެޑީއެއްގެ ގޮތުގައެވެ. އަދި އަނެއްބައި ބެލުންތެރީން ބުނީ، ފިލްމުގައި މައްސަލަތައް ކިތަންމެ ރަނގަޅަކަށް ސިފަކޮށްދިން ނަމަވެސް، އޭގެ ހައްލު ގެނެސްދެވިފައި ނުވާކަމަށެވެ.

ގިނަ ފިލްމުތަކުން، "ނުބައިބައި އަދި ރަނގަޅުބައި" ފެނިގެން ދިޔަނަމަވެސް، "ރޭވުމުން"ގައި ފެނިގެން ދަނީ މުޅިންވެސް "ނުބައިބައި" މީހުންނެވެ.

ފިލްމު ނިމިގެން ދަނީ މީގެ ދެވަނަ ބައެއްވެސް ފެނިދާނޭ ފަދަ ގޮތަކަށެވެ.

ޑައިރެކްޓަރު އަމްޖޭ ބުނީ، "ރޭވުމުން"ގެ 12 ޝޯއަށް ޓާގެޓްކޮށްފައިވާ ކަމަށެވެ. ފިލްމުގެ ޝޯގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

comment ކޮމެންޓް