ދީޕިކާ އާއި ރަންވީރު ވެސް ކައިވެންޏަށް ތައްޔާރުވަނީ؟

ބޮލީވުޑް ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އަދިވެސް އަންނަނީ ފިލްމު 'ޕަދްމާވަތު'ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އެ ފިލްމަށް މިހާރު ވަނީ 300 ކުރޯރުގެ އާމްދަނީއެއް ލިބިފަ އެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފަށާނީ އިރްފާން ޚާން އާއެކު، ވިޝާލް ބަރްދްވާޖްގެ ފިލްމުގެ މަސައްކަތެވެ. ނަމަވެސް އޭގެ ކުރިން، ވަރަށް މުހިންމު ކަމެއްގައި ދީޕިކާ ވަރަށް ބުރަކޮށް އުޅޭކަމަށް ރިޕޯޓުތައް މިވަނީ ބުނެފަ އެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުން، ދީޕިކާ އާއި ރަންވީރު އަންނަނީ ދެމީހުންގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. އެގޮތުން ދެމީހުން ކައިވެނީގެ ޝޮޕިން އަށް ބެންގަލޫރުގައި ތިބި ކަމަށްވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން، ބެންގަލޫރުގައި ދިރިއުޅޭ ދީޕިކާގެ އާއިލާ އާއި އެކުވެރިންނަށް ޚާއްސަ ކޮށްގެން، ބެންގަލޫރުގައި ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވަން އޭނާ ބޭނުންވެ އެވެ.

ދެފަރާތުގެ އާއިލާ ބައްދަލުކޮށް، ކައިވެނީގެ ތާރީޚު ކަނޑައަޅައިފައިވާ ކަމަށް ޚަބަރުތައް ބުނާ އިރު، ދެމީހުންގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ.

އިންޑިއާ ޓުޑޭ ނޫހަށް ރަންވީރު ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ކައިވެންޏާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށް ބުނުމުން އެ ކައިވެނީގެ ވާހަކަ އިތުރަށް ދެކެވެން ފެށި އެވެ.

ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. ދެމީހުން ސީދާ އެ ގުޅުމަށް އެއްބަސްވެފައި ނުވި ނަމަވެސް، އެ ވާހަކަތައް ދޮގުކޮށްފައެއް ވެސް ނުވެ އެވެ.

އަދި ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ދެމީހުން އަންނަނީ އެކަކު އަނެކަކަށް ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް