ކަސްޓަމްސްއާއި ދިރާގުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި

ކްލަބު މޯލްޑިވްސް ކަޕްގެ ތެރެއިން: އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކަސްޓަމްސްއާއި ދިރާގުން ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސް ކަޕްގެ 'ގްރޫޕް ޑީ'ގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ދިރާގުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

އެ ގްރޫޕުން ދެވަނަ ބުރުގެ ޖާގަތައް ކަސްޓަމްސްއާއި ދިރާގު ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހޯދި ހަ ޕޮއިންޓާއެކުއެވެ. އެ ގްރޫޕުގައި ދެން ހިމެނޭ މޯލްޑިވްސް ގޭސްއާއި ހައުސިންއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި މޯލްޑިވްސް ގޭސް އަތުން ކަސްޓަމްސް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ކަސްޓަމްސްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ހަސަން ނޫރިޝް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދާއި އަހްމަދު އިބުހާމެވެ. މޯލްޑިވް ގޭސްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ.

ރޭ ކުޅުނު މެޗުގައި ހައުސިން އަތުން ދިރާގު މޮޅުވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދިރާގުގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ. ހައުސިންގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރިލްވާނެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:15 ގައެވެ. ކަސްޓަމްސްއާ ދެކޮޅަށް ދިރާގު ނުކުންނަ އިރު، ހައުސިންއާ ދެކޮޅަށް މޯލްޑިވް ގޭސް ނުކުންނާނެއެވެ.

comment ކޮމެންޓް