އެއް ދުވުމެއްގައި މަރީގެ ތިން ރެކޯޑެއް އާކޮށްފި

އެތުލެޓިކްސްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ މަރީ (ކ) އަދި ޖެންޑާ މިނިސްޓަރު ޒެނޭޝާ (ވ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމް (މަރީ) އޭނާގެ ތިން ރެކޯޑެއް އާކޮށްފި އެވެ.

ސްޕެއިންގެ ވެލެންސިއާގައި އިއްޔެ ކުރިއަށްދިޔަ ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި މަރީ އާކޮށްފައި ވަނީ ހާފް މެރަތަން ރެކޯޑުގެ އިތުރުން 20 ކިލޯމީޓަރު އަދި 10 ކިލޯ މީޓަރުގެ ވެސް ގައުމީ ރެކޯޑެވެ.

ދިހަ ކިލޯ މީޓަރު އަދި 20 ކިލޯ މީޓަރުގެ ގައުމީ ރެކޯޑު އަދި ހާފް މެރަތަން ގައުމީ ރެކޯޑު ވެސް ކުރިން މަރީ ހަދާފައި އޮތީ މިދިޔަ އަހަރު ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް އެއާޕޯޓްސް މެރަތަންގައި ދުވެގެންނެވެ.

އެ މެރަތަންގައި މަރީ 10 ކިލޯ މީޓަރު ދުވެފައި ވަނީ 44 މިނެޓް ހަތް ސިކުންތުންނެވެ. އިއްޔެ ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި އޭނާ 10 ކިލޯ މީޓަރު ފުރިހަމަކުރީ 43 މިނެޓް 27 ސިކުންތުންނެވެ. ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި މަރީ 20 ކިލޯ މީޓަރު ދުވެފައި ވަނީ އެއް ގަޑިއިރާ 29 މިނެޓް 18 ސިކުންތުންނެވެ. މީގެ ކުރިން މަރީ 20 ކިލޯ މީޓަރު ދުވެފައި ވަނީ އެއް ގަޑިއިރާ 30 މިނެޓާއި ހަތަރު ސިކުންތުންނެވެ.

މަޝްހޫރު ފިޒިކަލް އިންސްޓްރަކްޓަރު މަރީ ވަނީ އިއްޔެގެ ދުވުމުގައި ހާފް މެރަތަން ރެކޯޑު ވެސް އާކޮށްފަ އެވެ. އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި އެއް ގަޑިއިރާ 34 މިނެޓް 24 ސިކުންތުން ހާފް މެރަތަން ނިންމާ މަރީ ހަދައިފައިވާ ގައުމީ ރެކޯޑު އިއްޔެ އޭނާ އާކުރީ އެއް ގަޑިއިރާ 33 މިނެޓް 37 ސިކުންތުން މެރަތަން ނިންމައިގެންނެވެ.

ސްޕެއިންގެ ވެލެންސިއާގައި އިއްޔެ ކުރިއަށްދިޔަ ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރަނީ މަރީގެ އިތުރުން ފިރިހެން ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ. އޭނާ ވެސް ވަނީ އިއްޔެގެ ދުވުމުގައި ގައުމީ ދެ ރެކޯޑެއް މުގުރާލައިފަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ މަރީއަކީ ފަސް ކިލޯ މީޓަރުގެ ގައުމީ ރެކޯޑު ވެސް އޮންނަ އެތުލީޓެވެ.

comment ކޮމެންޓް