ތަނބުރުދޫގައި ރާޅާ އަޅަން އުޅެނިކޮށް ގެނބުނު ޒުވާނާ މަރުވެއްޖެ

ތަނބުރުދޫ -- ފައިލް ފޮޓޯ

ރާޅާ އެޅުމަށް ސަރުކާރުން ދީފައި އޮންނަ ކ. ތަނބުރުދޫގައި ރާޅާ އަޅަނިކޮށް، ގެނބިގެން މާލެ ގެނައި ޒުވާނާ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ރާޅާ އަޅަން ގޮސް އުޅެނިކޮށް ގެނބިގެން މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 21 އަހަރުގެ އަބްދުﷲ ނާއިލް އެވެ. އޭނާ މަރުވީ ތަނބުރުދޫއިން މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދު ހަވީރު 4:00 ހާއިރު މޫދަށް ފޭބި އެ ޒުވާނާ ގެއްލިގެން މިއަދު ހަވީރު 5:00 ކަންހާއިރު އެމްއެންޑީއެފަށް ރިޕޯޓް ކުރި ކަމަށެވެ.

އަދި އޭނާ ހޯދަމުން ދަނިކޮށް ފެނުނީ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުން ކަމަށާއި އޭނާ ފެނުމާއެކު ކޯސްޓް ގާޑުގެ ސިފައިން އެނާއަށް އަވަސް ސިއްހީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް އާޒިމް ވިދާޅުވި އެވެ.

ގެނބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެވުނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ.

comment ކޮމެންޓް