އޭލިއަންއެއް ކަމަށް ބުނި، 'ހަ އިންޗި ހުރި ހަށިގަނޑު'ގެ ހަގީގަތް ހާމަކޮށްފި

ދެހާސްތޭރަ ވަނަ އަހަރު ފެނުނު މިހަށިގަނޑުގައި ހުންނަނީ ހަ އިންޗި -- ފޮޓޯ:

ދެހާސްތޭރަ ވަނަ އަހަރު ޗިލީގެ އަޓަކަމާ ސަހަރާއިން ފެނުނު، ހަ އިންޗި ހުރި ހަށިގަނޑަކީ އޭލިއަންއެއް ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. ނަމަވެސް ސައިންސުވެރިން ވަނީ ޑީއެންއޭ ޓެސްޓުން އެހަށިގަނޑުގެ ހަގީގަތް ހޯދާފައި އެވެ.

ދުނިޔޭގެ ދިރުންތަކުގެ ޖެނެޓިކްސްއާ ބެހޭ ގޮތުން ހަދާ ދިރާސާތައް ޝާއިއު ކުރާ، ޖީނޯމް ރިސާޗް ޖާނަލްގައި ވަނީ 'އަޓާ'ގެ ނަން ދީފައިވާ އެހަށިގަނޑުގެ ދިރާސާއެއް ވެސް ދާދި ފަހުން ޝާއިއުކޮށްފައި އެވެ.

ދެހާސްތޭރަ ވަނަ އަހަރު ސްޓެންފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ގޭރީ ނޯލާން ވިދާޅުވި ގޮތުގައި އަޓާގެ ހަށިގަނޑުގައި ހުރި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ބައެއް މޭ ކަށިތައް މަދުވުމާއި ބޮލުގެ ބައްޓަން ތަފާތުވުން ހިމެނެ އެވެ. އަދި ބަލާބެލުމަށް އެއީ ދުވަސް ނުފުރޭ ތުއްތުކުއްޖެއް ކަމަށް ލަފާ ކުރެވުނު ނަމަވެސް، ފުރަތަމަ ހެދި ކަށީގެ ޓެސްޓުތަކުން ދެއްކި ގޮތުގައި އެއީ ފަސް އަހަރާ އަށް އަހަރާ ދެމެދުގެ ކުއްޖެކެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަޓާގެ ކަށިތައް މާބޮޑަށް ދުވަސްވެފައިވާ ކަމަށް ޓެސްޓުތަކުން ދައްކަނީ ޖެނެޓިކް މިއުޓޭޝަންތަކެއްގެ ސަބަބުންނެވެ. އަދި މިހާރު ސައިންސުވެރިން ލަފާ ކުރާ ގޮތުގައި އަޓާ އަކީ ވިހެއުމުގެ ކުރިން ނުވަތަ ވިހެއިތާ މާގިނަ އިރުތަކެއް ނުވަނީސް މަރުވި އަންހެން ކުއްޖެކެވެ.

ޕްރޮފެސަރު ނޯލާން ވިދާޅުވި ގޮތުގައި އަޓާގެ ހަށިގަނޑުގައި ޑްވާފިޒަމް އާއި ސްކޯލިއޯސިސް ފަދަ މައިބަދައަށް ޖެހޭ ބަލިތަކާ ގުޅުން ހުރި ޖީންތަކުގައި މިއުޓޭޝަންތައް ހުއްޓެވެ. އަދި އަޓާގެ ހަށިގަނޑުގެ ސައިޒާއި މޭމަތީގެ ކަށިތައް މަދުވުމަކީ އެމިއުޓޭޝަންތަކުގެ ސަބަބުން ދިމާވި މައްސަލަތައް ކަމަށް ޕްރޮފެސަރު ލަފާ ކުރައްވައި އެވެ.

އަދި އަޓާގެ ކަށިތަކުން ހަދާ ޓެސްޓުތަކުގެ ސަބަބުން، ވާރުތަވާ ކަށީގެ މައްސަލަތަކާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި އެމައުލޫމާތު ބޭނުންކޮށްގެން ކަށިތަކާ ބެހޭ މުހިއްމު، އައު ދިރާސާތައް ހެދޭނެ ކަމަށް ޕްރޮފެސަރު ނޯލާން ވިދާޅުވި އެވެ.

comment ކޮމެންޓް