އިތުރު ގަޑީގައި މަސައްކަތް ކުރުން ހުއްޓުވުމަށް ރަސްމީ ގަޑި ނިމުމުން ކޮމްޕިއުޓަރުތައް ނިވެނީ

މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުުރުމުގެ ސަގާފަތް ހުއްޓުވުމަށް ދެކުނު ކޮރެއާގެ ސަރުކާރުން ވަރުގަދަ ފިޔަވަޅެއް އަޅައިފި އެވެ.

އެގައުމުގެ ވެރިރަށް ސޯލްގެ މެޓްރޮޕޯލިއަން ގަވަމެންޓުން އެޅި ފިޔަވަޅަކީ ހުކުރު ދުވަހުގެ މަސައްކަތު ގަޑި ނިމޭއިރަށް ކޮމްޕިއުޓަރުތައް އޮޓޮމެޓިކުން ނިވޭ ގޮތަށް ހެދުމެވެ. މިއާއެކު ރޭގަނޑު އަށެއްގެ ފަހުން އެއްވެސް މުވައްޒަފަކަށް މަސައްކަތުގައި ނުތިބެވޭނެ އެވެ.

ދެކުނު ކޮރެއާ އަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ވަގުތު މުވައްޒަފުން މަސައްކަތުގައި ހޭދަކުރާ އެއްގައުމެވެ. އެގައުމުގެ ސަރުކާރު މުވައްޒަފުން އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 2739 ގަޑިއިރު މަސައްކަތް ކުރެ އެވެ. މިއީ ތަރައްގީވެފައިވާ އެހެން ގައުމުތަކާ އަޅާބަލާ އިރު 1000 ގަޑިއިރު އިތުރު ވަގުތެކެވެ.

މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ މި މަހުގެ 30 އިން ފެށިގެންނެވެ. ފުރަތަމަ މަރުހަލާއެއްގެ ގޮތުން ހުކުރު ދުވަހުގެ ރޭ 20:00ގައި ކޮމްޕިއުޓަރުތައް ނިވާލާނެ އެވެ. އޭގެ ފަހުން އަންނަ މަހުން ފެށިގެން 19:30ގައި ކޮމްޕިއުޓަރުތައް ނިވާލާނެ އެވެ. މެއި މަހު މި ވަގުތު 19:00 އަށް އަވަސް ކުރާނެ އެވެ.

ނަމަވެސް މި ނިންމުމާ މެދު މުވައްޒަފުން ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. ކޮމްޕިއުޓަރު ނިއްވާލާގަޑި ލަސް ކުރަން ބައެއް މުވައްޒަފުން ވަނީ އެދެން ފަށައިފަ އެވެ.

ސައުތުކޮރެއާގެ ނޭޝަނަލް އެސެމްބްލީ އިން ވަނީ އެގައުމުގެ ސަރުކާރު މުވައްޒަފުން ހަފްތާ އަކު މަސައްކަތް ކުރަން ޖެހޭ ވަގުތު 68 ގަޑި އިރުން 52 ގަޑިއިރަށް ކުޑަކުރަން ފާސްކޮށްފަ އެވެ.

comment ކޮމެންޓް