އެސް9 ފޯނުތަކުގެ ޓަޗް މައްސަލައެއް އުޅޭތީ އެކަން ބަލަނީ!

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ގެލެކްސީ އެސް9 ސީރީޒްގެ ފޯނުތަކުގައި ޓަޗް މައްސަލައެއް އުޅޭ ކަމުގެ ރިޕޯޓު ލިބެމުންދާތީ އެ ކުންފުނިން އެކަން ބަލަން ފަށައިފިކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެސް9ގެ ސްކްރީނުގެ އެކި ސަރަހައްދުތަކުގައި ޓަޗް މައްސަލަ އުޅޭ ކަމަށާއި އެ ހިސާބުތަކުން އެއްވެސް ވަރަކަށް "ރެސްޕޮންޑު" ނުކުރާ ކަމަށް ބުނެ ސެމްސަންގުގެ އާ ފޯނު ގަތް ބައެއް ފަރާތްތަކުން މައްސަލަ ހުށަހަޅަމުންދާކަމަށް، ޓެކް ޚަބަރުތައް ގެނެސްދޭ، ދަވާރޖް، އަދި އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ބައެއް މީހުންނަށް ފޯނުގެ މަތީބައިން މައްސަލަ ފާހަގަ ކުރެވޭ އިރު، ފޯނުގެ ސްކްރީނުގެ ތިރިން މައްސަލަ ފާހަގަވި މީހުން ވެސް އެބަ ތިއްބެވެ.

މި މައްސަލަ ދިމާވެގެން މައްސަލަ ހުށަހަޅާފައި ވަނީ ކިތައް މީހުންކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނިކަމަށް ޑެއިލީމެއިލްގައި ވަނީ، އެސް9ގެ ފޯނުތަކުގެ ޓަޗް މައްސަލައެއް އުޅޭ ކަމަށް ބުނެ މަދުން ނަމަވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގުންވެސް ވަނީ މިފޯނު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. އަދި މުއާސަލާތީ ކުންފުނި އުރީދޫންވެސް މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިކަމާ ގުޅޭގޮތުން، ރާއްޖޭގައި ގެލެކްސީ އެސް9ގެ ފޯނު ވިއްކާ، އޮތޮރައިޒްޑް ބައެއް ފަރާތްތަކަށް ސަންއިން ގުޅާލުމުން ބުނީ، އެފަދަ އެއްވެސް މައްސަލައެއް އުޅޭކަން އަދި މިހާތަނަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް