އުޅެނީ އެތެރޭގެ މައްސަލަތަކެއް، ހައްލުކުރާނީ ވެސް އެތެރެއިން: ސަރުކާރު

އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގެ އެކި ސަރަހައްދު ތަކަށް އެއްވެ މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ސިޔަސީ މަސްރަހުގައި މިފަހުން ހިނގައިދިޔަ ކަންތައްތަކަކީ ދިވެހިންގެ އެތެރޭގެ މައްސަލަތަކެއް ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރާނީ ވެސް ދިވެހިން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 45 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން ނެރުއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލުމާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ގާނޫނުއަސާސީން ހަނިކުރި ހުރިހާ ހައްގުތަކެއް ރުޖޫއަކޮށް، އާންމު ހާލަތަށް ބަދަލުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ކަންކަން ނިންމާފައިވާ އަދި ކުރިއަށް އޮތްތަނުގައި ނިންމަމުންދާނީ ވެސް ރައްޔިތުންގެ މަސްލަހަތުގައިކަން ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވެސް ކަށަވަރުކޮށްދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ތަފާތު ކުރުންތަކަށް އޮތް އެންމެ މުހިއްމު ހައްލަކީ މަޝްވަރާ ކަމަށާއި އެކަމަށް ސަރުކާރުން ބާރުއަޅާ ކަމަށެވެ.

އެގޮތުން ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާތައް ފެށުމަށް އެތައް ފަހަރެއްގެ މަތީން ސަރުކާރުން ދައުވަތު ދީފައިވަ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު ތަންޒީފު ކުރަން ނުޖެހޭނެ ކަމަށް ފާހަގަކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެ އަމުރުގެ އެއް ބައެއް ސުޕްރީމް ކޯޓުން ބާތިލްކޮށް އަނެއް ބަޔަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.

އަމުރު ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި މީހުން ދޫކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް އަލުން ރުޖޫއަ ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް