ދުނިޔޭގައި ބޭނުންކުރާ ހަމައެކަނި ފައިސާއަށް ބިޓްކޮއިން ވެދާނެ: ޓްވިޓާގެ ސީއީއޯ

ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ ---

ދުނިޔޭގައި ބޭނުންކުރާ ހަމައެކަނި ފައިސާ އަށް ބިޓްކޮއިން ވެދާނެކަމަށް ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ ވިދާޅުވެއްޖެއެވެ.

ޑޯސީ ވިދާޅުވީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ދުނިޔޭގެ އެންމެން އެއް ފައިސާއެއް ބޭނުން ކޮށްފާނެކަމަށް ލަފާކުރެވޭ ކަމަށާއި އިންޓަނެޓް މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކުގައިވެސް ހުރިހާ ގައުމަކުން އެއް ފައިސާއެއް ގެންގުޅެދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެފައިސާއަށް ވާނީ ބިޓްކޮއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑޯސީއަކީ ޓްވިޓާގެ އިތުރުން ފައިނޭންޝަލް ހިދުމަތް ދޭ ސްކޮޔާގެ ސީއީއޯ ވެސް މެއެވެ. ސްކޮޔާއިން ދާދި ފަހުން ވަނީ އެމީހުންގެ ވެބްސައިޓް މެދުވެރިކޮށް ބިޓްކޮއިން ގަނެވިއްކޭނެ ގޮތް ހަދައިފައެވެ.

ޑިޖިޓަލް ފައިސާއާ މެދު ކިޔަވާކުދިން ހޭލުންތެރިކުރުމަށްވެސް ސްކޮޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ބިޓްކޮއިންއަކީ ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ކަރަންސީ ނުވަތަ ފައިސާއެވެ. ބިޓްކޮއިން ބޭނުންކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހި ފައިސާ ޑޮލަރަށް ގަނެވިއްކާ ހެން ބިޓްކޮއިން ވެސް އެހެން ފައިސާތަކަށް ގަނެވިއްކޭނެއެވެ.

comment ކޮމެންޓް