ކުޑަ ގައުމެއްގެ ގޮތުގައި އޮތުމަކީ ހައްގުތަކުން މަހުރޫމްވާން ޖެހޭ ކަމެއް ނޫން: މުބީން

ސަންޓީވީގެ ގާނޫނުގެ ވެރިކަން ޕްރޮގްރާމްގައި މުބީން ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ގައުމުގެ ސައިޒަކީ ލިބެންޖެހޭ ހައްގުތައް ލިބުމަށް އޮތް ހުރަހެއް ނޫން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

ބޭރުގެ ގައުމުތަކުގެ އެހީ ހޯދައިގެން ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވާނެ ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައާ ގުޅޭ ގޮތުން މުބީން "ސަން"އަށް ވިދާޅުވީ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދައްކަމުންދާ ވާހަކަ ތަކެއް ކަމަށާއި ގައުމުގެ ސައިޒު ކުޑަވުމަކީ ގައުމެއްގެ ގޮތުގައި ލިބެން ޖެހޭ އެއްވެސް ހައްގަކަށް އުނިކަން އަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ބޭރުގެ ނުފޫޒަށް ނުހެއްލުނީމަ ރާއްޖޭގައި އޮންނަ ގާނޫނާއި ގަވައިދުތައް އެބަޔަކު ބޭނުންވާ ގޮތަކަށް ތަރުޖަމާއެއް ނުކުރެވޭނެ" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ، އިދިކޮޅު ބައެއް ފަރާތްތަކުން އިންޑިއާ އަދި އެމެރިކާ ފަދަ ގައުމުތަކުގެ އެހީ ހޯދައިގެން ރާއްޖޭގެ ކަންކަން ހަމަ މަގަަށް އަޅުވަން އުޅުމަކީ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެކަމާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަންކަން ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ގައުމު ތަކާ މެދު ހިތުހުރިހާ ގޮތަކަށް ކަންކުރާތަން ބަލަން އދ އޮތުމަކީ އެހެން ގައުމުތަކުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށެވެ.

"ފަލަސްތީނާއި މެދު އިސްރާއިލުން ކަންކުރާ ލާއިންސާނީ ގޮތްގޮތުގެ ސަބަބުން އދ ގައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމުމުން އެކަން މި ހުއްޓުވަނީ އެމެރިކާއިން. އެމެރިކާއަކީ ބޮޑު ގައުމަކަށް ވާތީ އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއްވެސް ނެތް. އެކަމަކު ރާއްޖެއަކީ ކުޑަ ގައުމަކަށްވާތީ އަޅުގަނޑުމެން މިޖެހެނީ ބޭރުގެ ޕްރެޝަރަށް އަބަދު ފިތިގެން ތިބެން،" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖޭގެ ގާނޫނު ތަކުގެ ތެރެއިން ކުށްވެރިންތަކަކާ މެދު ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅަށް ތަފާތު މަސައްކަތްތައް ކުރުމަކީ ބައިނަލްއަގުވަމީ ޖަމާއަތްތަކުގެ އިހްލާސްތެރިކަން ނެތުން ކަމަށެވެ. އޭނާ ވިދާޅުވީ، ބަޔަކު ކިތަންމެ ހިތްހަމަ ނުޖެހުނަސް ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރެވޭނެ ކަމަށާއި ގާނޫނު އަސާސީ މި ސަރުކާރުން ނަގަހައްޓާނެ ކަމަށެވެ.

comment ކޮމެންޓް