ދިރާގުން މާދަމާރޭ ސެމްސަންގް ގެލެކްސީ އެސް9 ވިއްކަން ފަށަނީ

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް9 ދިރާގުން މާދަމާރޭ ވިއްކަން ފަށާނެއެވެ.

ދިރާގުން ބުނީ ފޯނަށް ޕްރީއޯޑާ ކުރި މީހުންނަށް މާދަމާރޭ 8:00 އިން ފެށިގެން ފޯނު ދޫކުރާނެ ކަމަށެވެ. ފޯނު ދޫކުރަން ފެށުމަށް މިރޭ ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފައެވެ.

ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މިއަދު ހަތަރެއް ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މިދިޔަ އަހަރު ދިރާގުން ތައާރަފްކުރި އާ ޕޯސްޓްޕެއިޑް ޕެކޭޖް ގެންގުޅޭ ކަސްޓަމަރުންނަށް ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގުމުގެ ފުރުސަތު އެކުންފުނިން ހުޅުވައިލިއެވެ. އޭގެ އިތުރުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކުވެސް ފަސް ޖީބީ ފްރީ ބޯނަސް ޑޭޓާވެސް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ހޯދުމަށް ޕްރީއޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގ ގިއާ ސްޕޯޓްސް ވޮޗެއް 30 ޕަސެންޓް ޑިސްކައުންޓާއެކު ލިބޭނެކަމަށްވެސް ދިރާގުން ބުނެއެވެ.

ސެމްސަންގުން އެންމެފަހުން ބާޒާރަށް ނެރެފައިވަނީ މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި ލިލަކް ޕާޕަލް ކުލައިގެ ސެމްސަންގް އެސް-9 އަދި އެސް-9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނެވެ.

comment ކޮމެންޓް