ކަލާސް އެވޯޑު ހޯދި ހަތަރު ކުދިންނާއެކު ޒުވާން ބީޗު ވޮލީ ޓީމު ތައިލެންޑަށް

ރާއްޖެ ތަމްސީލު ކުރުމަށް ތައިލެންޑަށް ދިޔަ 19 އަހަރުން ދަށުގެ ބީޗު ވޮލީ ޓީމުތައް މިނިސްޓަރު އިރުތިޝާމާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފާއެކު --- ފޮޓޯ/ ވީއޭއެމް

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގައި ވާދަކުރުމަށް ޒުވާން ބީޗު ވޮލީ ޓީމު ތައިލެންޑަށް ފުރައިފިއެވެ.

މުބާރާތުގައި ވާދަކުރުމަށް އަންހެން އަދި ފިރިހެން ދެ ކުޅުންތެރިން ތައިލެންޑަށް ރޭ ފުރާފައިވާއިރު، އެ ހަތަރު ކުދިންނަކީވެސް މިދިޔަ އަހަރު ކަލާސް އެވޯޑު ހޯދައި، ސަރުކާރުގެ ސްކޯލާޝިޕްގެ ދަށުން މިހާރު މާލޭގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ނިޒާމެވެ. ފިރިހެން ޓީމުގައި ހިމެނެނީ ޝާމިލް ހުސެއިން އާއި އާދަމް ޝަނީފެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތް މާދަމާ ތައިލެންޑުގެ ނަހޯމް ފަތޯމްގައި ފަށާ އިރު، މުބާރާތް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މުބާރާތުގައި އޭޝިއާގެ އެންމެ މަތީ ފަންތީގެ ވޮލީ ޓީމުތައް ވާދަކުރާއިރު ޖުމްލަ 39 ޓީމަކުން ކުޅޭނެއެވެ. އޭގެ ތެރެއިން ފިރިހެން 23 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތަކީ، އޭޝިއާ ސަރަހައްދުން ޔޫތު އޮލިމްޕިކްސް ގޭމްގެ އިތުރުން ދުނިޔޭގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތުގެ ކޮލިފިކޭޝަންއަށްވެސް ކުޅޭ މުބާރާތެވެ. އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެވެސް އެންމެ މޮޅު ތިން ޓީމު، ޔޫތު އޮލިމްޕިކްސްއަށާއި ދުނިޔޭގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތަށް ކޮލިފައިވާނެއެވެ.

ރާއްޖޭގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްވަނީ ޓީމު ފުރުމުގެ ކުރިން ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވައިފައެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތް ކުރިން ރާއްޖޭގައި ބާއްވާ ގޮތަށް އޮތް ނަމަވެސް އެސްއޯއީއާ ގުޅިގެން މުބާރާތްވަނީ ތައިލެންޑަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް