ޒިމްބާބުވޭގެ ރައީސް 3،000 ގައިދީންނަށް މާފު ދެއްވައިފި

ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާ -- ފޮޓޯ: އޭޕީ

ހަރާރީ (މާޗް 22): ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާ އެގައުމުގެ 3،000 ގައިދީންނަށް މާފު ދެއްވައިފި އެވެ.

ޒިމްބާބުވޭގެ ޕްރިޒަންސް އެންޑް ކަރެކްޝަނަލް ސާވިސެސް (ޒެޑްޕީސީއެސް) އިން ބުނި ގޮތުގައި ރައީސް ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަންހެނުން ފިޔަވައި ދެން ތިބި ހުރިހާ އަންހެން ގައިދީންނަށް މާފު ދެއްވައިފަ އެވެ. އަދި ޖަލަށްލާފައިވާ 18 އަހަރުން ދަށުގެ ހުރިހާ ކުދިން ވެސް ދޫކޮށްލަން އަމުރު ކުރައްވައިފަ އެވެ.

މީގެ އިތުރުން ރައީސް މާފު ދެއްވި މީހުންގެ ތެރޭގައި 36 މަހަށް ވުރެ ކުރު މުއްދަތަކަށް ހުކުމް ކުރުމުން އޭގެ ހަތަރު ބައި ކުޅަ އެއްބައި ފުރިހަމަކޮށްފައިވާ މީހުންނާއި ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ގައިދީން ހިމެނޭ ކަމަށް ޒިމްބާބުވޭގެ މީޑިއާތަކުން ބުންނެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޒިމްބާބުވޭގެ ސަރުކާރުން ގިނަ އަދަދަދެއްގެ ގައިދީން ދޫކޮށްލަން ނިންމީ އެގައުމުގެ ޖަލުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. އަދި އެގައުމުގެ ޖަލުތައް ހަދާފައި ވަނީ 17،000 މީހުންނަށް ތިބެވޭ ގޮތަށް ނަމަވެސް އެޖަލުތަކުގައި 20،000 މީހުން ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ޒިމްބާބުވޭގެ 2،000 ގައިދީންނަށް މާފު ދީފައިވެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް