ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

އާޒިމާ ޝުކޫރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ފަހު މިއަދު އުވާލައިފި އެވެ.

ކުއްލި ނިރައްކަލުގެ ހާލަތު އިއުލާނު ކުރީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރަކާ ގުޅިގެން ފެބުރުއަރީ ފަސް ވަނަ ދުވަހު އެވެ. އެ ހާލަތު 45 ދުވަހުގެ މުއްދަތަށް ދިގު ކުރުމަށް މަޖިލީހުން ފާސްކުރި މުއްދަތު ހަމަ ވަނީ މިއަދަށެވެ.

މިއަދު ރައީސް އޮފީހުގައި ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ދެއްވި ބަޔާނެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ދަންމާނެ ހާލަތެއް މިހާރު ނެތް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރުމަށް ފަހު، އާޒިމާ އިއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބަޔާނުގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭގެ ފަހުން ހިނގާފައިވާ ކަންކަމަށް ބަލާއިރު އެއީ ރާއްޖޭގެ މިނިވަން ކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުވާފައިވާތީ ކަމަށެވެ.

"އެކަމުގައި [އެކެއް ފެބުރުއަރީގައި އަމުރު ނެރުނުމުގައި] ޝާމިލުވެފައިވާ ފަރާތްތަކުން ހިންގާގާފައިވާ ކަންތައްތަކަކީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުވާފައިވާ ގައުމަށް އެންމެ މަތީ ދަރަޖައިގައި ހިޔާނާތްތެރިވެފައިވާ އަމަލުތަކެއްކަން ފެންނަން އޮތް،" އާޒިމާ އިއްވި ރައީސްގެ ބަޔާނުގައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ކުރުމަށް ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެކެއް ފެބުރުއަރީގައި ހިނގައި ދިޔަ ކަންކަމާ ގުޅިގެން ކުރިމަތިވި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

މިހާރު ކުއްލި ހާލަތު އުވާލަން ނިންމީ އެ ހާލަތު އިތުރު ނުކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ގެއްލުމެއް ވިޔަ ނުދީ ކުރިއަށް ގެންދެވޭނެކަން ދައުލަތުގެ ސަލާމަތާ ބެހޭ މުއައްސަސާތަކުން ލަފާ ދީފައިވާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ މިހިނދުން ފެށިގެން ނިމުމަކަށް އައިކަމުގައި ގާނޫނު އަސާސީގެ 260 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކަނޑައަޅައިފީމެވެ،" އާޒިމާ އިއްވެވި ރައީސްގެ ބަޔާނުގައިވެ އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އެކެއް ފެބުރުއަރީ އަމުރު ނެރުނުމުގައި ޝާމިލު ފަރާތްތައް ގާނޫނީ އިމުގެ ތެރެއިން ތަހުގީގު ކުރެވި މިހާރު ދައުވާ އުފުލިފައިވާ ކަމަށެވެ.

އަދި މައްސަލައާ ގުޅުން ހުރި އިތުރު ތަހުގީގުތައް ވެސް ކުރިއަށްދާ ކަމަށް އަނިލް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެކޯޓުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު އަބްދުﷲ ސައީދާއި އަލީ ހަމީދު، އެމީހުން ޖިނާއީ ނިއަތްތަކެއް އޮވެގެން ޖިނާއީ އަމަލުތަކެއް ހިންގައިގެން ސިޔާސީ ފާރަތްތަކަކާ ގުޅިގެން ރިޝަވަތުގެ ކުށްތަކެއް ވެސް ހިމެނޭ ގޮތުގެ މަތިން އަދި އެތައް ނުފޫޒުތަކެއް އޭގެތެރޭގައި ހިމެނޭ ގޮތަށް ދައުލަތުގެ ކަމާ ބެހޭ ބައެއް ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް،" އަނިލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މިނިވަންކަމާ ސަލާމަތަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

comment ކޮމެންޓް