ދެކުނު ކޮރެއާ އިން ފޭސްބުކް ޖޫރިމަނާކޮށްފި

ދެކުނު ކޮރެއާގެ އިންޓަނެޓް ސްޕީޑު ލަސްކުރުވީ ފޭސްބުކް އިން ކަމަށް ބުނެ، ކޮރެއާ އިން ފޭސްބުކް 369،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ކޮރެއާގެ ކޮމިއުނިކޭޝަންސް ކޮމިޝަން (ކޭސީސީ) އިން ފޭސްބުކް ޖޫރިމަނާ ކުރަން ނިންމީ ހުސްވި 2017 ވަނަ އަހަރާއި އޭގެ ކުރީ 2016 ވަނަ އަހަރު ދެކުނު ކޮރެއާގެ އިންޓަނެޓް ސްޕީޑު ދަށްކުރީ ފޭސްބުކް އިން ކަމަށް ބުނެ އެވެ. ކޭސީސީ އިން ވަނީ އެކަމާ ގުޅޭ ތަހުގީގެއް ވެސް ހިންގައިފަ އެވެ.

އެތަހުގީގުގެ ނަތީޖާ އަށް ބަލައި ކޭސީސީ އިން ބުނީ ފޭސްބުކް އިން އެގައުމުގެ އިންޓަނެޓް ޔޫސޭޖް ލިމިޓްކުރިކަން ހާމަވާ ކަމަށެވެ. ކޮރެއާގެ ގާނޫނުތައް ބުނާގޮތުން އެގައުމުގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށާއި ކަސްޓަމަރުންނަށް ނާންގައި އިންޓަނެޓް ރީރޫޓް ނުކުރެވޭނެ އެވެ.

ކޮރެއާގައި ފޭސްބުކް ބޭނުންކުރާ 14.5 މިލިއަން މީހުން އެބަތިއްބެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އިންޓަނެޓް ސްލޯވެގެން ހުށަހެޅުނު މައްސަލަތައް އެކުންފުނިން ނުބަލާ ކަމަށް ކޭސީސީ އިން ބުނެ އެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ ޝަކުވާތައް ލޯކަލް އައިއެސްޕީ އިންނަށް ލިބޭ ކަމަށާއި އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ފޭސްބުކް އިންކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ފޭސްބުކް އިން ބުނީ ކޭސީސީގެ ނިންމުމާމެދު ހިތާމަކުރާ ކަމަށެވެ. މައްސަލަ ހައްލުކުރަން ކޮރެއާގެ ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

comment ކޮމެންޓް