ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށްޓަކައި!

"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިންގެ ދިވެހިރާއްޖެ އޮންނަން ވާނީ ދިވެހިންގެ ތަނެއްގެ ގޮތުގަ އެވެ. މި ގައުމު ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ހިލާ ދިޔަ ދީގެން ނުވާނެ އެވެ. ވެރިއަކަށް ހުންނަ މީހާގެ އެންމެ ފުރަތަމަ ޒިންމާއަކީ މި ގައުުމުގެ ސަލާމަތްތެރިކަމެވެ. އަމިއްލަ ވެރިކަމަށް ވުރެ އިސްވާން ވާނީ ގައުމީ މަސްލަހަތެވެ.

މާޒީގެ ފަތްފުއްތައް ހާވާ ބަލާއިރު ވެރިކަމުގެ ފަލްސަފާގައި ފެންނަން އޮތީ އަމިއްލަ އެދުމާއި ހުދުމުހުތާރު ކަމެވެ. ތިރީސް އަހަރުވަންދެން އެއްވެރިއެއްގެ އަމުރަށް ތަބާވެގެން ތިބީ ވެރިކަމަކީ ރައްޔިތުންނާ ހިސާބުން ފެށިގެން އަންނަ އެއްޗެއްކަން ނޭނގި އެވެ. ވެރިމީހާއަށް ރައްޔިތުން ގުލާން ކުރި އިރު ރައްޔިތުންގެ ބައިތުލް މާލުން ވެރިކަމުގެ ލައްޒަތު އޭރު ދިޔައީ ލިބިިގަންނަމުންނެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކޮންމެ ބާބެއްގައި ފެނިގެންދިޔައީ ވެރިކަން ދިފާއު ކުރުމަށް މަސައްކަތް ކުރެއްވިތަނެވެ. ވެރިކަމުގެ ފަހު ދުވަސްވަރު އެ މަސައްކަތް މާ ގަދައަށް ކުރެއްވިތަން ފެނިގެންދިޔަ އެވެ. ދެހާސް ތިން ވަނަ އަހަރު ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިޘާއަށް ފަހު އެތައް ބަޔަކު އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ނުކުތުމުން ވެސް ފެނުނީ ވެރިކަން ދިފާއު ކުރަން މަސައްކަތް ކުރެއްވި ތަނެވެ. އަދި ފެނިގެން ދިޔައީ އޭރު އިސްލާހަށް މަސައްކަތް ކުރި މީހުން ޖަލަށްލާ ލާއިންސާނީ ޖަރީމާތައް ހިންގިތަނެވެ. ގައުމުގެ ހައްގުގައި އިސްލާހުގެ މަސައްކަތް ފެއްޓެވީ އިތުރު ގޮތެއް ނެތިގެން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމް (މ) އަދި މުހަައްމަދު ނަޝީދު (ވ) އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން، ގައުމީ ފުޓްބޯޅަ ދަނޑުގައި 2014 ވަނަ އަަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު ފުޓްބޯޅަ މެޗެއް ބައްލަައިލައްވަނީ -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

އެ ވެރިކަން ބަދަލުވެ ދެން ވެރިކަމާ ހަވާލުވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި "ޗާޓުން ބޭރުން" ކަންްކަން ކުރަން ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ. ކަން ކުރެއްވީ ވެސް އެހެންނެވެ. އެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ރައީސް ނަޝީދު ވަނީ އޭރު ކުރިމަތިވި ހުރަސްތައް ނައްތާލައްވައިފަ އެވެ. އޭގެ މިސާލެއްގެ ގޮތުން އޭރު ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހުންނެވި މިހާރުގެ ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކުރިން ފުދޭނެ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ދެން ކަންވެގެންދިޔަ ގޮތުން ރައީސް އަބްދުﷲ ޔާމީނަކީ ވެސް އަމިއްލަފުޅު ވެރިކަން ދިފާއި ކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް އިދިކޮޅުން ސިފަކުރެ އެވެ. ނަމަވެސް އެ ދުވަހު އެ ނުރުނު އަމުރާ ގުޅޭ ޖިނާއީ ތަހުގީގެއް ނިމި އެ މައްސަލަ ޕީޖީން ކޯޓުގައި ދައުވާ ކުރަން ފޮނުވާފައިވާ އިރު މިހާތަނަށް އެނގެން އޮތް އެންމެ މުހިންމު އެއްކަމަކީ އެ އަމުރު ތަންފީޒު ކުރި ނަމަ ގެއްލުން ލިބިގެންދާނީ ހަމައެކަނި މިސަރުކާރަށް ނޫން ކަމެވެ. ގެއްލުންވެގެންދާނީ މުޅި ގައުމަށްކަން ސާފުކޮށް އެނގެން އެބޮއޮތެވެ.

21 މާޗް 2018: ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މާލެ ގެންނަނީ: ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރި ނަމަ ރާއްޖޭގެ ހާލަތު މާފިއާ ސްޓޭޓަކަށް ބަދަލުވެގެން ދާނެ ކަމަށް ހޯމް މިިނިސްޓަރު އަޒްލީން އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަމާންކޮށް މިއޮތީ ފެބްރުއަރީ ފަހެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާތީ ކަމަށެވެ.

"ސުޕްރީމް ކޯޓްގެ އަމުރުގައި ތިބި ގިނަ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށް ޖަލަށް ހުކުމްކޮށްފައި ތިބި ބަޔަކަށްވާއިރު އެމީހުން ދޫކޮށްލުމަކީ ގައުމު ބޮޑު ނާމާން ކަމެއްގެ ތެރެއަށް ވައްޓާލުން،" އަޒްލީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން ފާހަގަ ކުރައްވާ ގޮތުން އެދުވަހު ރައީސް ޔާމީން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ ގައުމުގެ ހައްގުގައި އެމަނިކުފާނު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެކެވެ. އަދި ދާހިލީ ބޮޑު ހަނގުރާމައަކަށް ނުގޮސް ހުރިހާ ކަމެއް ހަމަ މަގަށް އެޅުނީ ގައުމުގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުންތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރި ނަމަ ގައުމުގައި ލޭ އޮހޮރުވުމެއް ހިނގައިފާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ "އެ އަމުރާ އެކު ކަންބޮޑުވެވަޑައިގަތީ މި ސަރުކާރަށް ވާނޭ ގޮތަކާ މެދު ނޫން ކަމަށާއި ކަންބޮޑުވީ ގައުމަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކާއި މެދު ކަމަށެވެ."

"ހަމަ ގައިމު ވެސް އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށް މަޑަކުން ނުތިބެވޭނެ މި ހުރިހާ މުޖުރިމުން ދޫކޮށްލާ އިރަކު. އެމީހުންގެ ފަރާތުން ވެސް ބަޔަކު ނުކުންނާނެ. އެދިޔައީ ކޮން ކަމެއްތޯ؟ އެދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ލާއިންސާނީ ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލު ކުރުމާ ހަމައަށް ވެސް ހިނގައްޖައިސް ކަންނޭނގެ. ހަމަ ގައިމު ވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ޕީޕީއެމް ރުމާލު 2 ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނިކުމެ އުފާފާޅުކުރުން -- ސަން ފޮޓޯ

ކަން މިހެން އޮތް އިރު ރައީސް ޔާމީން އިސްކުރެއްވީ ގައުމީ ވިސްނުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ކޮންމެ އަހަރެއް ކޮންމެ މަހެއް އަދި ކޮންމެ ދުވަހެއް އިދިކޮޅު ފަރާތްތަކުގެ ކޮންމެވެސް ރޭވުމަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ހޭދަކުރައްވާ އިރު އެއީ ގައުމުގެ ހައްގުގައި ކުރައްވާ ކަމެއް ކަމަށް ސިޔާސީ ލީޑަރުން ގަބޫލު ކުރެ އެވެ.

"ކޮބާތޯ ރައީސް ޔާމީން ގާނޫނާ ހިލާފަށް ކުރި ކަމެއް. ހުރިހާ ކަމެއް ވެސް އެކުރައްވަނީ ގާނޫނުގެ ތެރެއިން. އެމަނިކުފާނުގެ ވިސްނުން ފުޅަކީ ގައުމަށް ހަމަޖެހުން ގެނައުން،" ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.

މިހާ ހިސާބުން ސުވާލަކީ ރައީސް ޔާމީންގެ"ޗާޓުން ބޭރުން" ކަންކުރައްވާ ނަމަ ސިފައިންނާއި ފުލުހުން އެމަނިކުފާނުގެ އޯޑަރަށް ތަބާވާނެތޯ އެވެ. ޖަވާބު ވަރަށް ސާފެވެ. މާޒީގެ ސޮފުހާތަކުން ވެސް ދައްކުވައިދެނީ އެކަމެވެ. ސިފައިންގެ ޒިންމާއަކީ އަދި އެމީހުން ކޮށްފައިވާ ހުވާއަކީ ދިވެހި ރާއްޖޭ ދިފާއުކުރުމެވެ. ހާއްސަގޮތެއްގައި އެތެރެއިންނާއި ބޭރުން އަންނަ ބަގާވާތްތަކުންނެވެ. އެމީހުން އެމަސައްކަތް ކުރާނެ އެވެ. ވެރިމީހާގެ ވިސްނުމަކީ ގައުމުގެ އަމަންއަމާންކަން ނަމަ ސިފައިން ސަފުތައް ރުކުރުވާލާނީ ގައުމު ދިފާއުކުރަންކަން ސިފައިން އަންނަނީ ސާބިތުކޮށްދެމުންނެވެ. ޣައިރުގާނޫނީ އަމުރެއް ކުރާ ނަމަ އެ ސަފުތައް މިހާރު ފެންނަހާ ބަދަހި ނުވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

ފުލުހުން ވެސް ހަމަ އެގޮތެވެ. ޣައިރު ގާނޫނީ އަމުރަށް ތަބާނުވާނެ ކަން އެމީހުން ވަނީ މީގެ ކުރިން ސާބިތުކޮށްދީފަ އެވެ. އެހެން ކަމުން މިއަދު އެ ފުލުހުންގެ މައްޗަށް ޣައިރުގާނޫނީ އަމުރެއް ކުރާ ނަމަ ގައުމުގެ ހައްގުގައި އަދި ކޮށްފައިވާ ހުވާގެ ހައްގުގައި އެމީހުން ނުކުންނާނެ އެވެ. ނަމަވެސް ގައުމުގެ ހައްގުގައި ސާބިތުކަންމަތީ އެ ތިބީ އެފަދަ އަމުރެއް ނާންނާތީކަން ކަށަވަރެވެ.

ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށް ޓަކައި، އަލުން އަނބުރާ ހޯދަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައުޔޫމް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ގައުމުގައި ހިނގައިދިޔަ ބޮޑެތި ކަންތައްތަކަށް ފަހު ވެސް މި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ނުދިޔުމަކީ އެމަނިކުފާނު ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށް ޓަކައި ވެދުން ކުރިން ކުރުމެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ރައްޔިތުންނެތްތާކު ވެރިކަމެއް ނޯންނާނެ އެވެ. ވެރިކަމެއް ނެތްތާކު ވެރިއަކު ވެސް ނުހުންނާނެ އެވެ. އެހެން ކަމުން ވެރިކަން ކުރަންވީ ރައްޔިތުންނަށް ޓަކައެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އިސްކަންދޭންވީ ވޯޓުން ނަތީޖާ ދައްކާށެވެ. ދިވެހިން އަބަދު ވެސް ބޭނުން ވަނީ ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށް ޓަކައި ބާއްވައިދޭނެ ސިޔާސީ ލީޑަރެކެވެ.

comment ކޮމެންޓް