ޕްރޮސިކިއުޓަރުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާނަމަ ފިޅަވަޅު އަޅާނަން: ޕީޖީ

ޕީޖީ އޮފީހުގެ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ވަދެ ވަޑައިގަންނަވަނީ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން ކޯޓުތަަކަށް ހާޒިރުވާ ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކައި ހަބަރު ފަތުރާ ނަމ،ަ އެ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އޮފީހުގެ ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަތައް ބައެއް ފަރާތްތަކުން ފަތުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ޕްރޮސެކިއުޓަރުން ކޯޓުތަކުގައި ދައްކަވާ ވާހަކަތަކަކީ އެބޭފުޅުންގެ އަމިއްލަ ވާހަކަތަކެއް ނޫން ކަމަށާއި އެ އޮފީހުގެ މަސައްކަތްތައް ތަރުތީބު ކުރެވި އިންތިޒާމު ކުރެވިފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ވަކި އުސޫލަކުން ކަމަށެވެ.

"...ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާ ގޮތަށް އެކި ފަރާތްތަކުންް ފަތުރަމުންދާ ވާހަކަތައް މި އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުކުރާ ކަމުގައި ވަނީ ނަމަ އެކަމާ ގުޅިގެން އަަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ މި ފުރުސަތުގައި ދެންނެވީމެވެ." ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު އެ މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ ޒިންމާ އަކީ ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން މި އޮފީހާ މަތި ކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް