ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ކޯޓަށް ހާޒިރު ކުރުމަށްޓަކައި މިއަދު މާލެ ގެންނަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހަސަން ސައީދުގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ ކޯޓުން އަމުރު ކޮށްފައެވެ.

ހަސަން ސައީދު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކުރިން ވެސް އޭނާ ހައްޔަރުކުރުމަށްޓަކައި ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދިޔައެވެ.

އޭރު ސުޕްރީމް ކޯޓުން ވަނީ އޭނާ ހައްޔަރުކުރަން ނެރުނު އަމުރު ބާތިލުކޮށް އެ މައްސަލައިގެ ހުރިހާ ލިޔުންތައް އެ ކޯޓަށް ފޮނުވުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

ހަސަން ސައީދު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ.

ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ފުލުހުން ހަސަން ސައީދުގެ މައްޗަށް ކުރެ އެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.

comment ކޮމެންޓް